Last Updated: November 26, 22:39
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ސަނަމް ތޭރީ ގަސަމް" ދެވަނަ ބައި އިއުލާންކޮށްފި

މީގެ އަށް އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ސަނަމް ތޭރީ ގަސަމް" ގެ ދެވަނަ ބައި މިއަދު އިއުލާންކޮށްފި އެވެ.

މި ފިލްމުގެ ސީކްއެލްއެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން މިއަދު އިއުލާންކުރީ "ސަނަމް ތޭރީ ގަސަމް 2" ގެ ނަމުގަ އެވެ. އަދި ކުރީގެ ބައިގެ ބަތަލު ހާޝްވަރްދަން ރާނޭ ދެވަނަ ބައިގައި ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

ނަމަވެސް ފިލްމުގެ ބަތަލާ އާއި ޑައިރެކްޓްކުރާނެ މީހަކު އަދި ހާމައެއް ނުކުރެ އެވެ.

ދެހާސް ސޯޅައިގައި ރިލީޒްކުރި "ސަނަމް ތޭރީ ގަސަމް" ގައި ހާޝްއާ އެކީ ބަތަލާގެ ރޯލު ކުޅުނީ ޕާކިސްތާންގެ ބަތަލާ މަރްވާ ހޮކޭން އެވެ. އަދި ފިލްމު ލިޔެ، ޑައިރެކްޓްކުރީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.

އެ ދެ މީހުން ޑައިރެކްޓްކުރާ އާ ފިލްމެއް ދާދި ފަހުން އިއުލާންކޮށްފައިވެ އެވެ. އެއީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިއާ ޕްރޮޑިއުސްކުރާ އަދި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ޖާނަމް ތޭރީ ގަސަމް" އެވެ.