* ނަމާދުގައި ހެދޭ ކުށްތައް (35)
ޖިސްމާއި ފޭރާމުން ނުބައިވަސް ދުވާ ޙާލު ނަމާދަށް ދިއުން.
ނަމާދަށް ޙާޟިރުވާހިނދު ޒީނަތްތެރިވެގެން އައުމަށް ﷲ ތަޢާލާ އަންގަވާފައިވެއެވެ. ޖިސްމުގެ ނުތާހިރުކަމާއި، ފޭރާމުގެ ނުތާހިރުކަމަކީ މަލާއިކަތުންނާއި މީސްތަކުންވެސް ނުރުހުންތެރިވާނެ ކަމެކެވެ. ނަމާދަށް އަންނަ ހިނދު ސިނގިރޭޓު ވަހާއި، ރޯފިޔާ ލޮނުމިދު ފަދަ ތަކެތީގެ ނުބައި ވަހުން ސަލާމަތްވުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (36)
ތަޙިއްޔަތުލް މަސްޖިދުގެ ދެރަކްޢަތް އަދާނުކޮށް މިސްކިތުގައި އިށީނުން.
މިސްކިތަށް ވަދެ އިށީނުމުގެ ކުރިން މިސްކިތުގެ ވެރި ރައްބަށްޓަކައި ތަޙިއްޔަތުގެ ދެރަކްޢަތް އަދާކުރުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. މިސްކިތަށް ވަދެ ފަރުޟު ނަމާދެއް، ނުވަތަ ރަވާތިބު ސުންނަތެއް، ނުވަތަ އެހެން ސުންނަތެއް އަދާކުރިކަމުގައިވިޔަސް ތަޙިއްޔަތުލް މަސްޖިދު އަދާކުރިކަމުގައި ބެލެވޭނެއެވެ.ނަމާދު އަދާކުރުން ނަހީވެގެންވާ ވަގުތުތަކުގައިވެސް މިސުންނަތް އަދާކުރެވޭނެ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (37)
ނަމާދުގެ ރުކުންތަކުގައި މަޑުވެލުމެއް ނެތި އަވަސްއަވަހަށް ނަމާދުކުރުން.
ނަމާދުގެ ރުކުންތަކުގައި މަޑުވެލުމަކީ ނަމާދުގެ ރުކުނެކެވެ. ރުކުނެއް އުނިވެއްޖެނަމަ ނަމާދު ބާތިލުވާނެއެވެ. އެހެންކަމުން ރުކޫޢާއި އިޢުތިދާލާއި ސަޖިދައާއި ދެސަޖިދަދެމެދުފަދަ މަޤާމުތަކުގައި މަޑުވެލުމަކީ ލާޒިމްކަމެކެވެ.
* ނަމާދުގައި ހެދޭ ކުށްތައް (38)
ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް ދޫކޮށްލުން.
ރަވާތިބު ސުންނަތްތަކަކީ ވަރަށް މުހިންމު ސުންނަތްތަކެކެވެ. އެއީ ފަރުޟު ނަމާދުން އުނިވާ ޘަވާބު ފޫބައްދައިދޭނެ ސުންނަތްތަކެކެވެ. އަދި ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމަކީީ ސުވަރުގެއިން ޚާއްސަ ގަނޑުވަރެއް ޙައްޤުވެގެންދާނެ ކަމެއްވެސްމެއެވެ.
* ނަމާދުގައި ހެދޭ ކުށްތައް (39)
ޢައުރަ ކަޝްފުވާ ބާވަތުގެ ފޭރާމުގައި ނަމާދަށް އެރުން.
ޢައުރަ ނިވާކުރުމަކީ ނަމާދުގެ ޝަރުތެކެވެ. ކުރު ޓީޝާޓާއި ގަމީސްފަދަ ފޭރާން ލައިގެން ނަމާދުކުރުމުން ރުކޫޢަށާއި ސަޖިދައަށްދާ ހިނދު ޢައުރަ ކަޝްފުވެގެން ދާނެ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (40)
އައްވަލު ސަފުގައި، ނުވަތަ ކުރީ ސަފުގައި ހުސްޖާގައެއް ވަނިކޮށް އާ ސަފެއް ހެދުން.
ކުރީ ސަފުގައި ޖާގަ އޮތްވައި އާސަފެއް ހެދުމަކީ ގިނަ ދަންނަބޭކަލުންގެ އަރިހުގައި މަކްރޫހަ ކަމެކެވެ. އަދި ބައެއް ދަންނަބޭކަލުންގެ އަރިހުގައި އެއީ ނަމާދު ބާތިލު ވާނެކަމެކެވެ. ސައްޙަ ރައުޔަކީވެސް މިއީއެވެ. ކުރީ ސަފު ފުރި ޖާގައެއް ނެތްނަމަ، އެކަނި ސަފެއް ހެދުމަކީ މައްސަލައެއް ނޫނެވެ. އެޙާލަތުގައި ކުރީ ސަފުން މީހަކު ފަހަތަށް ގެންނާނީ ކަމަށް ބުނާ ދަލީލަކީ ބަލިކަށި ޙަދީޘެކެވެ.
* ނަމާދުގައި ހެދޭ ކުށްތައް (41)
އައްވަލު ސަފުން (ފުރަތަމަ ސަފުން) ކުޑަކުދިން ބޭލުން.
އައްވަލު ސަފުން ކުޑަކުދިން ބާލައި ފަހަތުސަފަށް ފޮނުވާލުމަކީ އެއްވެސް ދަލީލެއް ނެތި ބައެއް މީހުންހަދާ ގޯހެކެވެ.
އައްވަލު ސަފުގެ ޖާގަ އެކުދިންނަށްވެސް ޙައްޤުވެގެންވެއެވެ. އިމާމާގެ ފަހަތަށް ކުޑަކުއްޖަކު އަރައިފިނަމަ އެއްފަރާތައް ޖައްސާލުމަކުން މައްސަލައެއް ނެތެވެ. ސަބަބަކީ އިމާމާގެ ފަހަތުގައި ތިބެންވާނީ ތަންދޮރު އޮޅުންފިލާފައިވާ މީހުންކަމުގައި ވާންޖެހޭތީ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (42)
ނަމާދުގެ ގަމަތަށް ގޮވާލެވޭ ހިނދު ސުންނަތްކުރަން ފެށުން.
ނަމާދަށް ގަމަތް ދެވުމުން އެންމެ އިސްކަމެއް ދޭންޖެހޭނީ ފަރުޟު ނަމާދު އަދާކުރުމަށް އަވަސްވެގަތުމަށެވެ. އެވަގުތު ސުންނަތް ނަމާދެއް ދެން ފަށައިގެން ނުވާނެއެވެ. ގަމަތްދެވޭ ހިނދު ސުންނަތެއް އަދާކުރުންމަތީ ހުރި މީހަކަށް އޮތީ ފުރަތަމަ ރަކުޢަތުގައި ނަމަ ދޫކޮށްލުމެވެ. ދެވަނަ ރަކްޢަތުގައިނަމަ ލުއިގޮތަކަށް އަވަހަށް ނިންމާލުމެވެ.
* ނަމާދުގައި ހެދޭ ކުށްތައް (43)
އިމާމާ ސަލާމްދިނުމާއި އެކީ ތެދުވެ ނަމާދުގެ ފަހު ސުންނަތް އަދާކުރުން.
ސަލާމްދިނުމުން އޮތީ ޒިކުރު ތަސްބީޙަތައް ކިޔުމެވެ. ސުންނަތް އަދާކުރާނީ އޭގެ ފަހުންނެވެ. ޙާޖަތެއް ޖެހިގެން އަވަހަށް ދާންޖެހޭ ފަހަރެއްގައި ސަލާމްދިނުމާ އެކީ ސުންނަތް އަދާކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ އާދަކަމުގައި ހަދައިގެން ނުވާނެ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (44)
ސުތުރާއެއް ނުނަގައި ނަމާދުކުރުން.
ސުތުރާއަކީ ނަމާދަށް ހުންނަ މީހާ އޭނާގެ ޖާގަ އެންގުމަށް ބަހައްޓާ އެއްޗެކެވެ. ފާރެއް ތަނބެއް ގޮޑިއެއްފަދަ ކޮންމެ އެއްޗެއްވެސް ސުތުރާއަކަށް ބެހެއްޓިދާނެއެވެ. ސަފުހަދަން ކުރަހާފައިވާ ރޮނގު ސުތުރާއަކަށް ނުފުދޭނެއެވެ. މަދުވެގެން ކައިވަތެއްހާ އުސްމިން ހުންނަ އެއްޗަކަށް ސުތުރާ ވާން ޖެހޭނެ އެވެ. ސުތުރާއެއް ނަގައިގެން ނަމާދުކުރުމީ ސުންނަތެކެވެ. ސުތުރާއެއް ނަގާނީ އިމާމާއާއި، އެކަހެރިކޮށް ނަމާދުކުރާ މީހާ އެވެ. މައުމޫމުން އިމާމެއްގެ ފަހަތުގައި ތިބޭ މީހުން) ސުތުރާ ނެގުމެއް ނުވެ އެވެ. އެ މީހުންގެ ސުތުރާއަކީ އިމާމާގެ ސުތުރާ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (45)
ނަމާދަށް ހުރި މީހެއްގެ ސަރަހައްދުން ކުރިކަނޑާފަ ދިއުން.
ނަމާދަށް ހުންނަ މީހާގެ ސަރަހައްދަކީ އޭނާގެ ފައިތިލައިން ފެށިގެން އޭނާ ސަޖިދަޖަހާ ހިސާބެވެ. ނަމާދަށް ހުރި މީހެއްގެ ކުރިކަނޑާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ކުރިކަނޑާނުލައި އޭނާ ނަމާދުން ނިމެންދެން 40 ވަންދެން އަހަރު/މަސް/ދުވަސް) އިންތިޒާރުކޮށްގެން ހުންނަން ޖެހުނަސް އެގޮތް ހުރަސްކުރުމަށްވުރެ މާހެޔޮކަން ބޮޑެވެ. އަދި މީހަކު ހުރަސްކުރަން އުޅެފިނަމަ އޭނާ ހުއްޓުވުމަކީ ނަމާދަށް ހުރި މީހާގެ މައްޗަށް އޮތްކަމެކެވެ.
* ނަމާދުގައި ހެދޭ ކުށްތައް (46)
ފަތިސް ނަމާދުގެ ބަންގީގައި ކިޔާ الصلاة خير من النوم) ކިޔުމުން ބަންގިއަށް އިޖާބަދޭމީހާ صدقت وبررت) ކިޔުން.
މުއައްޛިން ބަންގި ގޮވާމީހާ) الصلاة خير من النوم) ކިޔުމުން، ބަންގިއަށް އިޖާބަދޭމީހާ ކިޔާނީ ހަމައެފަދައިންނެވެ. صدقت وبررت) މިޢިބާރާތަކީ ޘާބިތު ޢިބާރާތެއް ނޫނެވެ.
* ނަމާދުގައި ހެދޭ ކުށްތައް (47)
ނަމާދުގެ ޤަމަތުގައި قد قامت الصلاة) ކިޔާ ހިނދު أَقَامَهَا اللَّهُ وَأَدَامَهَا) މިފަދައިން ކިޔުން.
މިޢިބާރާތް ކިޔުމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ.
* ނަމާދުގައި ހެދޭ ކުށްތައް (48)
އައްތަޙިއްޔާތުގައި ސައްޔިދިނާ) މި ލަފްޒު ކިޔުން.
އައްތަޙިއްޔާތުގެ އެކިއެކި ޢިބާރާތްތައް ވާރިދުވެފައިވާ އިރު ވެސް "ސައްޔިދުނާ" މިލަފްޒަކީ ޞައްޙަ ޙަދީޘަކުން ޘާބިތުވާ ލަފްޒެއް ނޫނެވެ. އެހެންކަމުން އައުލާކަން ބޮޑީ މިލަފްޒު ނުކިޔުމެވެ. ޞައްޙަ ޙަދީޘުން ޘާބިތުވާ ޢިބާރާތްތައް ކިޔުމަކީ އެންމެ އައުލާކަންބޮޑު ގޮތެވެ.
* ނަމާދުގައި ހެދޭ ކުށްތައް (49)
ރަކްޢަތްތަކެއް ފާއިތުވާފަހުން ޖަމާޢަތަށް ޙާޟިރުވާމީހާ އިމާމާ ތެދުވަންދެން ޖަމާޢަތާއި ބައިވެރިނުވެ މަޑުކުރުން.
ރަނގަޅު ގޮތަކީ މަޑުނުކޮށް ތަކްބީރަތުލް އިޙްރާމު ކިޔައި އަވަހަށް ޖަމާޢަތާއި ބައިވެރިވެ، އިމާމާ އެވަގުތު ހުރި ހައިހަތަކަށް އަވަހަށް ދިއުން.
* ނަމާދުގައި ހެދޭ ކުށްތައް (50)
ނަމާދުގެ ފުރަތަމަ ރަކްޢަތަށް ވުރެ ދެވަނަ ރަކްޢަތް ދިގުކުރުން ނުވަތަ ދެރަކްޢަތް ވެސް އެއްވަރަކަށް އަދާކުރުން.
ސުންނަތް ގޮތަކީ ދެވަނަ ރަކްޢަތް ފުރަތަމަ ރަކްޢަތަށްވުރެ ކުރުކުރުމެވެ. ދެރަކްޢަތް އެއްވަރަކަށް ނުވަތަ ދެވަނަ ރަކްޢަތް މާ ދިގުކުރުމަކީ ސުންނަތާއި ޚިލާފުކަމެކެވެ. އެހެނަސް އެއީ ނަމާދު ބާތިލުވާނެ ކަމެއް ނޫނެވެ.
* ނަމާދުގައި ހެދޭ ކުށްތައް (51)
އިމާމުން ނަމާދުގެ އިންތިޤާލީ ތަކްބީރުތައް އެކި ހަމައިގައި ކިޔުން.
މިގޮތުން މިޘާލަކަށް ސަޖިދައަށް ދަމުން ވަކި ވަރަކަށް ތަކްބީރަށް ދަމާފައި، ތިންވަނަ ރަކްޢަތަށް ތެދުވަމުން އިތުރަށް ދަމާފައި، ފަހު އައްތަޙިއްޔާތަށް އިށީންނަ ތަކްބީރު ވަކި ގޮތަކަށް ކިޔުން.
މިފަދައިން ނަމާދުގެ ތަކްބީރުތައް އެކި ހަމައިގައި ކިޔުމަކީ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ.
* ނަމާދުގައި ހެދޭ ކުށްތައް (52)
ޤަޟާޙާޖަތަށް ދާންޖެހިފައި ވަނިކޮށް ނަމާދު އަދާކުރުން.
އެފަދަ ޙާލަތެއްގައި ހުރެގެން ނަމާދު އަދާކުރުމަކީ މަކްރޫހަކަމެކެވެ. އެއީ އޭގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރި ކަމަށް އަޘަރު ފޯރާނެތީ އެވެ.
* ނަމާދުގައި ހެދޭ ކުށްތައް (53)
ލޯ މަރާލައިގެން ނަމާދު ކުރުން.
ލޯމަރައިގެން ނަމާދު ކުރުމަކީ މަކްރޫހަ ކަމެކެވެ.
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.
(މި ލިޔުމާ ގުޅޭ ފުރަތަމަ ދެ ބައި މި އަހަރުގެ ރޯދަ މަހުގެ ތެރޭގައި މާޗް 11 އަދި 12 ވަނަ ދުވަހު ގެނެސްދީފައިވާނެ އެވެ.)