ހެރީ ކޭން ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި ފިންލެންޑްގެ މައްޗަށް 2-0 އިން އިންގްލެންޑް ކުރި ހޯދައިފި އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ ކޭން ގައުމީ ޓީމަށް 100 މެޗު ހަމަކުރުން ފާހަގަކޮށްފަ އެވެ. އިންގްލެންޑް ގައުމީ ޓީމަށް 100 މެޗު ހަމަކުރެވިފައިވަނީ 10 ކުޅުންތެރިއަކަށެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، އިންގްލެންޑަށް ލީޑު ނަގައިދިނީ މެޗުގެ 57 ވަނަ މިނެޓްގައި ކޭން އެވެ. ކޭން މި ގޯލު ކާމިޔާބު ކުރީ ފިންލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބާރަށް ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި ނޮނީ މަޑުއޭކޭ ދިން ޕާހަކުން ފިންލެންޑްގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކޭން އެވެ.
މި ދެ ގޯލާއެކު އިންގްލެންޑް ގައުމީ ޓީމަށް ކޭން ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 68 އަށް އަރާފަ އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލޭންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޗެކް ރިޕަބްލިކުން 3-2 އިން ޔުކްރޭން ބަލިކުރިއިރު ގްރީސް އިން ވަނީ 2-0 އިން އަޔަލޭންޑް ބަލިކޮށްފަ އެވެ.