ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން އަށް ތަރައްގީ ކުރަން ހަމަޖެހިފައިވާތީ އެކަމަށް ހާއްސަ ހާބަރުތައް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްފި އެވެ.
މަޝްވަރާ ބައްދަލުވުން އިއްޔެ ކުރިއަށް ގެންދިޔައީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިސްކޮށް ތިއްބަވައިގެންނެވެ.
ސްޕޯޓް ފިޝިން މަޝްރޫޢަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢެކެވެ. އަދި މިއީ ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ސްޕޯޓްސް ފިޝިން އަށް މަގުފަހިކޮށް ދިނުމަށް އަމާޒުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.
އެގޮތުން ސްޕޯޓްސް ފިޝިން އަށް ހާއްސަ ހާބަރުތައް ތަރައްގީކުރަން ކަނޑައަޅަން ހުށަހަޅާ ފަސް ސަރަހައްދުގެ މަޢުލޫމާތު މިނިސްޓަރު ޝިޔާމް، ޓޫރިޒަމް މިނިސްޓަރު ފައިސަލާ ޙިއްސާކުރައްވާފައިވެ އެވެ.
ފައިޞަލް ވިދާޅުވީ މަޝްރޫއު އަވަސްކުރުމަށް ޓޫރިޒަމް މިނިސްޓްރީ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށާއި ޓޫރިޒަމްގެ ކޮމްޕޯނަންޓަށް ފަންނީ ބޭފުޅުންގެ އެހީތެރިކަން ފިޝަރީޒް މިނިސްޓްރީ ދެއްވާނެ ކަމަށެވެ.
ސްޕޯޓްސް ފިޝިން ބަނދަރުތަކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. އެގޮތުން ސްޕޯޓްސް ފިޝިން މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.