Last Updated: September 19, 05:57
Thursday, September 19, 2024
ޚަބަރު

އައިސީ ލިޔުނު ފޮތްތަކެއް އެމްއެމްޕީއާރްސީ އަށް

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ތަޖުރިބާކާރެއް ކަމަށްވާ އަދި އެ ދާއިރާ އިން ފަންނީ މައުލޫމާތު ފޯރުކޮށް ދެމުން އަންނަ އަބްދުﷲ ރަޝީދު (އައިސީ) ލިޔެފައިވާ ފޮތްތަކެއް އެމްއެމްޕީއާރްސީ އަށް ހަދިޔާކޮށްފި އެވެ.

އައިސީގެ ތިން ފޮތެއް އިއްޔެ ހަދިޔާކުރީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާ ބައްދަލުކޮށެވެ. އޭނަ ހަދިޔާކުރި ތިން ފޮތުގެ ތެރޭގައި ހިމެނެނީ "ގެސްޓްހައުސް ވިޔަފާރި" ގެ ނަމުގައި ލިޔެފައިވާ ފޮތަކާއި "ހޯމްސްޓޭ ވިޔަފާރި" ގެ ނަމުގައި ލިޔެފައިވާ ފޮތެއްގެ އިތުރުން ދިވެހިންގެ ކެއުންތަކަށް ހާއްސަ "ހޯމް ކުކިން" ފޮތެވެ.

އައިސީގެ މި ތިން ފޮތަކީ ލޯކަލް ޓޫރިޒަމް ކުރިއެރުމަށް ހާއްސަކޮށްގެން ލިޔެފައިވާ ފޮތްތަކެކެވެ.

އައްޑޫ ފޭދު އަށް ނިސްބަތްވާ އައިސީ އަކީ ލޯކަލް ޓޫރިޒަމާ ބެހޭ ތަފާތު ޕްރޮގްރާމްތައް ހިންގަން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކުރަމުން އަންނަ މީހެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށް، ލޯކަލް ޓޫރިޒަމާ ގުޅޭ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާފައިވެ އެވެ.

އައިސީގެ ލިޔުނު ފޮތްތަކެއް އެމްްއެމްޕީއާރްސީ އަށް ހަދިޔާކުރި އިރު، އެ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކޮށް، ޕްރޮމޯޓްކުމުގެ މައިގަނޑު ޒިންމާ ނަގާ ކުންފުންޏެވެ.

ޓޫރިޒަމް ދާއިރާ އަށް ވަރަށް ގިނަ ދުވަހު ތަފާތު އެކި ރޮނގުތަކުން ހިދުމަތްކޮށްފައިވާ ދުވަސްވީ ހިދުމަތްތެރިންތަކެއްގެ ޕްރޮފައިލްތަކެއް ވެސް ދާދި ފަހުން "އައްޑޫ ލައިވް" ގައި އައިސީ ގެނެސްދީފައިވެ އެވެ.