ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ) މަގާމަށް އައްޔަން ކުރާނީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފުކަން އެނގިއްޖެ އެވެ.
އެ މަގާމަށް ހުޅުވައިލުމުން ތިން ބޭފުޅަކު މިހާތަނަށް ކުރިމަތިލެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އައްބާސްގެ ނަން މަޖިލީހަށް ފޮނުމަށެވެ. އެގޮތުން އެ ނަން މިއަދު މަޖިލީހަށް ފޮނުވާނެ އެވެ. އަދި ޕީޖީ ރުހުން ދިނުމާ ގުޅޭ ގޮތުން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވީ މިދިޔަ މަހުގެ 27 ގަ އެވެެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވާނީ މިއަދު މެންދުރު 12:00 އަށެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ތިން ބޭފުޅަކު ކުށުގެ ރިކޯޑް ސާފުކުރި އެވެ.
* ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް
* ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
* ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނުނު ވަކީލު އާދަމް ޝަމީމް
ޕީޖީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.