Last Updated: November 26, 20:40
Tuesday, November 26, 2024
މުނިފޫހިފިލުވުން

ރިތިކާއި ކިއާރާ އިޓަލީ އަށް

ޝޫޓިން މިހާރު ކުރިއަށްދާ ބޮލީވުޑްގެ ފިލްމު "ވޯ 2" ގެ ލަވައެއްގެ ޝޫޓިން އަށް ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީ އިޓަލީ އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިޑް-ޑޭ އިން ބުނީ ފިލްމުގެ ލަވައެެއްގެ ޝޫޓިން އަށް ކާސްޓާއޮ ކްރޫ ވަރަށް އަވަހަށް އިޓަލީ އަށް ފުރާނެ ކަމަށާއި ލޯބީގެ ލަވައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިޓަލީގެ ހިތްގައިމު ސަރަހައްދުތައް ކަމަށްވާ ވެނިސް އާއި ލޭކް ކޯމޯ އާއި ޓަސްކޭނީ އާއި ނޭޕްލްސް އާއި އަމާލްފީ ކޯސްޓްގެ އިތުރުން ސޮރެންޓޯ ޕެނިންސިއުލާގައި ކަމަށެވެ.

އެގޮތުން މި މަހުގެ 18 ގައި ފަށާ އިޓަލީގެ ޝޫޓިން ޝެޑިއުލް 15 ދުވަހަށް ދެމިގެން ދާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ވޯ 2" އަކީ ރިތިކާއި ކިއާރާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ވައިއާރްއެފަަށް ކުޅޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ "ވޯ 2" ގެ ކާސްޓްގައި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނެ އެވެ. ދެހާސް ބާވީހުގެ ބޮޑު ހިޓް "އާރްއާރްއާރް" އަށް ފަހު، އެންޓީއާރް ކުޅުނު ފުރަތަމަ ފިލްމު "ދޭވްރާ: ޕާޓް 1" މި މަހުގެ 27 ގައި ސިނަމާތަކަށް އަންނާނެ އެވެ.

"ވޯ 2" އަކީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ މި ފިލްމަކީ ވައިއާރްއެފަށް އަޔާން ހަދާ ފުރަތަމަ ފިލްމެވެ. އޭނަ ކުރީގެ ތިން ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކެވެ. އެއީ 2022 ގެ "ބުރައްމަސްތުރާ" އާއި 2013 ގެ "ޔެ ޖަވާމީ ހޭ ދީވާނީ" ގެ އިތުރުން 2011 ގެ "ވޭކަޕް ސިދު" އެވެ.