ދޮޅު ގަރުނަށް ވުރަ ގިނަ ދުވަސްވީ އެމެރިކާގެ މަޝްހޫރު ކުންފުނި، ކޭމްޕްބެލްސް ސޫޕް ކޮމްޕެނީގެ ނަމުން ސޫޕް އުނިކުރަން ނިންމައިފި އެވެ.
ކުންފުނީގެ ބޯޑުން އެގޮތަށް ނިންމައި، ނަމަށް ގެންނަން ނިންމި ބަދަލާ އެކީ އާ ނަމަކަށް ވާނީ ކޭމްޕްބެލްސް ކޮމްޕެނީ އެވެ. ކުންފުނީގެ މި ނިންމުމާ ގުޅޭ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކުންފުނީގެ އަހަރީ ބައްދަލުވުމުގައި އިންވެސްޓަރުންގެ މެދުގައި ވޯޓެއް ނަގަން ވެސް ވަނީ ނިންމައިފަ އެވެ.
ކުންފުނީގެ ނަމުން ސޫޕް އުނިކުރުމާ ގުޅޭ ގޮތުން ޗީފް އެގްޒެކެޓިވް މާކް ކްލައުޒް ވިދާޅުވީ މިއީ ކުންފުނީގެ އުފެއްދުންތައް މިހާރު ވަރަށް ބޮޑަަށް ފުޅާވަމުން އަންނާތީ އެ ބަދަލަށް ރިއާޔަތްކޮށް ގެންނަން ނިންމި ވަރަށް މުހިއްމު ބަދަލެއް ކަމަށެވެ. އެގޮތުން އެންމެ ކުރިން ކޭމްޕެލް ސޫޕްތަކަށް ހާއްސަ ވިޔަސް މިހާރު އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ސޯހާއި ސްނެކްސްގެ އިތުރުން އެތައް ވައްތަރެއްގެ ބުއިންތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ސޫޕަކީ އަދިވެސް އަހަރެމެންގެ ވަރަށް ހާއްސަ އުފެއްދުމެއް. އެ ވިޔަފާރި ދުވަހަކު ވެސް ހުއްޓުމަކަށް ނާންނާނެ،" ކްލައުޒް ވިދާޅުވި އެވެ. "އެކަމަކު ސޫޕަށް ވުރެ މިހާރު އަހަރެމެންގެ ވިޔަފާރި މާ ފުޅާ."
ކޭމްޕްބެލްސް ސޫޕް ކޮމްޕެނީގެ ވިޔަފާރި ފުޅާވެ، ގިނަ އުފެއްދުންތަކަށް މިސްރާބު ޖަހަމުން އަންނަ އިރު، އިތުރު ބްރޭންޑްތަކެއް ވެސް ގަނެ، އުފެއްދުންތައް އިތުރު ކުރުމުގެ ޕްލޭން އޮތީ ކުރިއަށެވެ. އެގޮތުން ސޯވޯ ބްރޭންޑްސް ގަންނަން ވެސް ކޭމްޕްބެލްސް ވަނީ ނިންމައިފަ އެވެ.
ކޭމްޕްބެލްސް އަކީ ދަޅުގައި ބަންދުކޮށްގެން ސޫޕް ވިއްކަން އެންމެ ފުރަތަމަ ފެށި ކުންފުންޏެވެ. އެ ކުންފުނިން މި ވިޔަފާރި ފެށީ މީގެ 155 އަހަރު ކުރިން 1869 ގަ އެވެ.