ވެރިކަން ކުރާ ޕީޕަލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށްް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އޮކްޓޫބަރު 19 ގައި ބާއްވާ މި އިންތިހާބުގައި ޖުމްލަަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ.
އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި ޒުވާނުން ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސްގެ އިތުރުން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނެ އެވެ.
ހަލީލް ވިދާޅުވީ ދާއިރާގެ ރައީސްކަމަށްް ވާދަކުރެވޭނީ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުން ނެތް ދާއިރާތަކަށް ކަމަށާއި މަޖިލިސް މެމްބަރުން ތިބި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުން ކަމަށެވެ. އަދި ދައިރާތަކުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން ވަކި އަދަދަކަށް މެމްބަރުންގެ ފޯމު ހުށައަޅަންޖެހޭނެކަމަށްް ހަލީލް ވިދާޅުވި އެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހު 18:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.