Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

ބަރަހަނާ ވީޑިއޯގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ބަލަން ފުލުހުން ފަށައިފި

ބިދޭސީ އަންހެނުންތަކެއްގެ ބަރަހަނާ މަންޒަރުތައް ފެންނަ ގޮތަށް ރާއްޖޭގައި ބަޔަކު ނަގާފައިވާ ވީޑިއޯގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޮސްޓްރިއާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުބީ ޕްރޮޑަކްޝަން އާއި ދިވެހި ބަޔަކު ގުޅިގެން ހަދާފައިވާ އެ ވީޑިއޯގެ މައްސަލަ ތަހުގީގުކުރަން ވަނީ ފަށާފަ އެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފެށީ ފުލުހުންގެ އިސް ނެގުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ފުލުހުން ތަހުގީގު ކުރަނީ މި ވީޑިއޯ ހެދުމުގައި ބައިވެރިވި ދިވެހިންގެ މައްސަލަތޯ ނުވަތަ ބަރަހަނާކޮށް ތިބެގެން ރާއްޖޭގައި ވީޑިއޯއެއް ނެގި މައްސަލަ ކަމެއް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު އާއްމުކުރި އެ ވީޑިއޯގައި، ނިވާކަން ކުޑަ ހެދުން ލައިގެން ތިބުމުގެ އިތުރަށް، ބަރަހަނާކޮށް ތިބެގެން ދިވެހި ލިބާސް ސިފަވާ ގޮތަށް ގައިގައި ކުރަހާ މަންޒަރު ދައްކަ އެވެ. އާޓް ގެލެރީ ތެރޭގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ މި ވީޑިއޯގެ މަސައްކަތް ކުރުމަށް ރާއްޖެ އައުމަށް ދައުވަތު ދީފައި ވަނީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ. އާޓް ގެލެރީ ތެރޭގައި ނަގާފައިވާ މަންޒަރުތަކުން އާސިފްގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން ވެސް ފެންނަން ތިބެ އެވެ.

"އެކްސްޕެރިމެންޓަލް ބޮޑީ ޕެއިންޓިން ޓްރިޕް ޓު ދަ މޯލްޑިވްސް"ގެ ނަން ދީފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، އެ ކަމަށް އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން، އެ ވީޑިއޯ އަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ސިފަކޮށް، އަދާލަތު ޕާޓީން ވަނީ އެ ކަން ކުރި ބައެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލާފަ އެވެ.

ގާތްގަނޑަކަށް ތިން މިނިޓުގެ ވީޑިއޯގައި ވާހަކަދައްކަމުން، ޑަބްލިއުބީ ޕްރޮޑަކްޝަންގެ ސީއީއޯ އެެލެކްސް ބްރެންގްރެޓް ބުނި ގޮތުގައި މިއީ 100 ޕަސެންޓް މުސްލިމް ރާއްޖޭގައި ހަށިގަނޑުގައި ކުރެހުމުގެ ހަރަކާތްތަކެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެންކަމުން، އެއީ އެ ކުންފުންޏަށް ވެސް ލިބޭ "ޝަރަފެއް" ކަމަށް އޭނާ ބުންޏެވެ.