Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

ނާޒިމްގެ ވަކީލަކަށް ސުއޫދު ހަމަޖައްސައިފި

ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލަކަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ.

ނާޒިމްގެ ފަރާތްޕުޅުން ދަށު ކޯޓުގައި ވަކާލާތުކުރެއްވި ގާނޫނީ ވަކީލް މައުމޫން ހަމީދު ރޭ ޓުވިޓާގައި ވިދާޅުވި ގޮތުގައި މަހެއްހާ ދުވަހުގެ ޗުއްޓީއެއްގައި އޭނާ ރާއްޖޭން ބޭރަށް މިއަދު ފުރަން ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ނާޒިމް ބޭސްފަރުވާ އަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު، އިންސާފު ހޯދުމުގެ މަސައްކަތް ލަސްނުކޮށް ފަށަން ޖެހޭތީ އޭނާގެ ވަކީލެއްގެ ގޮތުގައި ދެން މަަސައްކަތް ކުރައްވާނީ ސުއޫދު ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމާއި އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. އަދި އޭނާގެ ކުށެއް ނެތް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަމެވެ،" ޓުވީޓުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ނާޒިމްގެ އާއިލާ އާއި ސުއޫދު ވެސް ވަކި އެއްޗެކޭ ވިދާޅެއް ނުވެ އެވެ. ސުއޫދުގެ އޮފީހުން ވެސް ހަމައެކަނި ޔަގީންކޮށް ދިނީ ނާޒިމްގެ ވަކީލެއްގެ ގޮތުގައި ސުއޫދު ހަމަޖައްސާފައިވާ ކަމެވެ.