Last Updated: November 26, 11:19
Tuesday, November 26, 2024
ޚަބަރު

ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު - ފޮޓޯ: މަޖިލިސް

ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިހެން ބުނެފައިވަނީ މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސެންޓަށް މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި 2025 ގައި ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 ޕަސެންޓްގައި ކަމަށެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެއް ކަމަށްވާއިރު މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް 7 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.

މީގެއިތުރުން ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައިވާ ކަމަށާއި އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށާއި އެގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށްވާއިރު މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް ގެނެވޭ ބަދަލުތައް މި މަހު އިއުލާން ކުރާނެ ކަމަށްވެސް އެމްއެމްއޭ އިން ހާމަކުރެ އެވެ.

އެމްއެމްއޭ އިން ވަނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ. އަދި އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.