މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ޝާއިޢުކުރި ހަބަރަކާއި ގުޅިގެން އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ. އަދި މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "އަދަދު އޮންލައިން" ގައި ޝާއިޢުކުރި ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ހީނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.