ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ނަޒާހަތްތެރިވާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްގައި ނުޖެހޭނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ޝާއިޢުކުރި ހަބަރަކާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މިކަމާ ގުޅިގެން ރޭ "ސަންގުޓީވީ"ގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރަކަށް ރައީސް މުއިއްޒު އެއްވެސް ފައިސާއެއް ނުދެއްވާނެ ކަމަށާއި އަދި މެމްބަރަކު ވެސް އެފަދަ ކަމަކަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ. މަޖިލިސް މެމްބަރުންނަކީ އެކަށީގެންވާ ވަރުގެ މުސާރައެއް ލިބިގެން ދިރިއުޅުއްވާ ބައެއް ކަމަށާއި އެ ބޭފުޅުން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަމެއް ކުރަން ބޭނުން ނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ކޮންމެ ދާއިރާއަކަށް 5-4 މީހުން ވާދަކުރިއިރު، އެ ދާއިރާތަކުން ރައްޔިތުން އިހުތިޔާރުކޮށްފައިވަނީ އެންމެ ނަޒާހަތްތެރި ބޭފުޅުން ކަމަށެވެ. އެގޮތުން މަޖިލީހަށް ރައްޔިތުން އިންތިހާބުކޮށްފައިވަނީ ހިޔާނާތާއި ފަސާދަ އަށް މަގުފަހި ނުވާނެ ކަހަލަ މެމްބަރުންތަކެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޮލުގައި އެ އަޅުވަނީ ވަރަށް ނުބައި ހުތުރު ބަދުނާމެއް. އަޅުގަނޑުމެން ނުވެސް ދެނަހުރި ކަމެއް،" ފަލާހު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "އަދަދު އޮންލައިން" ގައި ޝާއިޢުކުރި ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ހީނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.