ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެލެއްވި ފަހުން އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން ބޭއްވި ދެވަނަ މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނާއި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުން ހާއްސަކޮށްފައިވަނީ ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުކައުންސިލްގެ ރައީސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ ތަކުގެ މެންބަރުންނަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ އެންމެ މުހިންމު ހިއްސާދާރުންނަކީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށާއި މިފަދަ މަސައްކަތްތައް ކުރަމުންދާ އިރު އެކަމުގެ ހެޔޮނަތީޖާ ނެރެވޭނީ ކިހިނެއް ކޮންގޮތަކަށް މަސައްކަތްކޮށްގެންކަން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.
"ރާއްޖޭގައި ހިންގާ ވަރަށް ކުދި ކަންތައްވެސް އަދި ވަރަށް ބޮޑެތި ކަންތައްތައްވެސް އެއީ އަޅުގަނޑުމެންގެ އިޖްތިމާއި ފޭރާމަށް ގެއްލުން ލިބޭފަދަ ބޮޑެތި ކަންތައްތައް ވެސް އެހެން ފަރާތްތައް މެދުވެރިކޮށް ވެސް ރާއްޖެއަށް ވެސް އަދި މުޅި ދުނިޔެއަށް ވެސް ފޯރުކޮށްދެވޭނެ ވަސީލަތްތައް މިއަދު ރާއްޖޭގައި ވެސް އެބަހުރި. މިކަންކަން މިހެން ހުންނަ އިރު އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ރަށެއްވެސް އެރަށެއްގެ ހާލަތުގައި އެރަށެއް ކުރިއާއި އަޅާކިޔާއިރު މިއަދު އޮތް ގޮތާއި ކުރިއަށް އޮތް ތަނުގައި އެއަށް ގެންނަންޖެހޭ ބަދަލުތަކާއި އަދި ރައްޔިތުން ބޭނުންވާނެ ގޮތްތައް ނިންމުމަކީ މިއަދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރާނެ ކަމެއް،" މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާއި ރަށްރަށަށް ގެންނަޖެހޭ ބަދަލުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކޮށްގެން މެނުވީ އެބަދަލުތައް ނުގެނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މިފަދަ މަސައްކަތު ބައްދަލުވުންތަކުން ލިބޭ މުހިންމު މަޢުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.