އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ތިން ހަފްތާ މަޑުކުރަން ޖެހިއްޖެ އެވެ.
އާސެނަލްގެ ކެޕްޓަން، އޮޑެގާޑަށް އަނިޔާވީ ޔޫއެފާ ނޭޝަންސް ލީގުގައި ނޯވޭ އިން އޮސްޓްރިއާގެ މައްޗަށް 2-1 އިން ކުރި ހޯދި މެޗުގަ އެވެ.
އެ މެޗުގެ ދެވަނަ ހާފްގައި އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ފޭބީ ވެސް ނޯވޭ ޓީމުގެ މެޑިކަލް ޓީމުގެ އެހީއާއެކު އެވެ.
ނޯވޭ ޓީމުގެ ޑޮކްޓަރު އޮލަ ސާންޑް ބުނީ އޮޑެގާޑްގެ ފައިގެ ކުޑަހުޅުން ތަނެއް ބިންދައިގެން ގޮސްފައި ނުވާކަން އެމްއާރްއައި އިން ކަށަވަރުވެފައިވާ ކަމަށާއި އާންމުކޮށް އެފަދަ އަނިޔާތަކުން ރަނގަޅު ވާން ތިން ހަފްތާ ވަރު ނަގާނެ ކަމަށެވެ. އަދި އެއަށް ވުރެ ކުރިން އަނިޔާ އިން ރަނގަޅުވެއްޖެ ނަމަ އެއީ ބޯނަސްއެއް ކަމަށްވެސް އޭނާ ބުންޏެވެ.
އާސެނަލްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އޮޑެގާޑަށް އަނިޔާވެފައިވާއިރު އާސެނަލަށް ކުރިއަށް ހުރީ މުހިއްމު މެޗުތަކެކެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އާސެނަލުން ޓޮޓެންހަމްއާ ބައްދަލުކުރާއިރު އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ނިކުންނާނެ އެވެ. އޭގެފަހުން އާސެނަލުން ލީގުގައި ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ