Last Updated: November 26, 20:40
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ރެއިޑް 2" ގެ އާ ތާރީހަކީ ފެބްރުއަރީ 21

ކުރިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން އޮތް އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2" ގެ އާ ތާރީހު އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒަށް ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 21 ގަ އެވެ. "ރެއިޑް 2" އަށް ކުރިން ހަމަޖެއްސި ތާރީހަކީ ނޮވެމްބަރު 15 އެވެ. މި ފިލްމު އަންނަ އަހަރަށް ފަސްކުރި ނަމަވެސް ނޮވެމްބަރުގެ ތެރޭގައި އަޖޭގެ އެހެން ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ.

އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" އެވެ. ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، އަރުޖުން ކަޕޫރް، ކަރީނާ ކަޕޫރް، ޓައިގާ ޝްރޮފް، އަކްޝޭ ކުމާރު އަދި ރަންވީރު ސިންގް ވެސް ހިމެނެ އެވެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ރެއިޑް 2" އަކީ 2018 ގައި ގެނެސްދިން "ރެއިޑް" ގެ ސީކްއެލް އެވެ. މިއީ ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް ޑިޕާޓްމަންޓްގެ އޮފިސަރަކާއި އޭނަގެ ޓީމް ކުރާ މަސައްކަތް ދައްކުވައި ދިން ކްރައިމް ތުރިލާއެކެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ރެއިޑް" ގެ ބަތަލާ އަކީ އިލިއާނާ ޑި ކްރޫޒެވެ. ނަމަވެސް "ރެއިޑް 2" ގެ ބަތަލާ އަކީ އަޖޭއާ އެކީ އަލަށް މަސައްކަތްކުރި ވާނީ ކަޕޫރެވެ. އަދި މީގެ ކާސްޓްގައި ރިތޭޝް ދޭޝްމުކް ވެސް ހިމެނެ އެވެ.