މިދިޔަ އަހަރު އާސަންދަ ސްކީމަށް ޖުމްލަ 3.2 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އާސަންދަ އިން ހިނގާ ހަރަދުތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން އާންމުކުރި ލިޔުމެއްގައި ބުނީ މިދިޔަ އަހަރު އެ ސްކީމަށް ޖުމްލަ 3.2 ބިލިއަން ރުފިޔާ ބިލްކޮށްވިފައިވާ އޭގެ ތެރެއިން 1.1 ބިލިއަން، ހޭދަކޮށްފައި ވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށް ކަމަށެވެ.
އަސަންދައިގެ މުޅި ނިޒާމަށް ކުރާ ޚަރަދުގެ 35 ޕަސެންޓަކީ ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސް އަށް ކުރާ ޚަރަދެވެ. ރާއްޖޭގައި ވިއްކާ ބޭހުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ހުރި އެވްރެޖް އަގުތަކާ އަޅާބަލާއިރު 15 ގުނަ ބޮޑުކަން ވެސް ފިނޭންސް އިން ފާހަގަކޮށްފައިވެ އެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާ އިރު އެދަދު 70 ގުނަ ބޮޑެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2022 ގައި އަމިއްލަ ތަންތަނުން މަރުކަޒުތަކުން އާސަންދައަށް 2 ބިލިއަން ބިލްކޮށްފައިވާ ކަމަށެވެ. ވާއިރު އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ޚަރަދު އެވްރެޖްކޮށް ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިވީ 13 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް އާސަންދައަށް ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުން ދޭ މާލީ އެހީތެރިކަން އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓާއި އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 2.8 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާ އިރު މީގެ ތެރެއިން 998 މިލިއަން ހޭދަކޮށްފައި ވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ.
އާސަންދަ އިން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި މި ސަރުކާރުން ދާފި ފަހުން ވަނީ ބޭހުގެ އަގަށް އެދެވޭ ބަދަލެއް އަންނާނެ ފަދަ ނިންމުމެއް ނިންމާފައިކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޔޫއެންޑީޕީގެ އެހީއާ އެކު ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުން ބޭހުގެ އަގު މިހާރު ހުރި ވަރަށް ވުރެ ބޮޑުތަން ކުޑަވާނެ ކަމަށް ބުންޏެވެ.
ނެޝަނަލް ސޯޝަލް ހެލްތު އިންޝުއަރެންސް އެކްޓްގެ ދަށުން އާސަންދަ ތައާރަފުކުރީ ޑިސެމްބަރު 29، 2011 ގަ އެވެ.
މި ކުންފުނި ވުޖޫދުކުރީ ބޭސްފަރުވާ ގެ ޚިދުމަތަކީ އަސާސީ ކަމަކަށް ވެފައި އެއްވެސް ދިވެހި ރައްޔިތެއް އެ ޚިދުމަތުން އިސްތިސްނާނުކުރުމަށް ގާނޫނު އަސާސީގައިވެސް ބާރުއަޅާފައިވާތީ އެވެ. އެގޮތުން އާސަންދައިގެ އެންމެ ބޮޑު ބޭނުމަކީ ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހި ކޮންމެ މީހަކަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބޭސްފަރުވާގެ ޚިދުމަތް ލިބިދިނުމެވެ.