އައްޑޫ ސިޓީ ހިތަދޫ މުހިއްބުއްދީން ސުކޫލު ހުންނަ ސަރަހައްދަށް ކަރަންޓު ދިނުމަށްޓަކައި ފެނަކަ ކޯރޕަރޭޝަނުން ބަހައްޓާފައިވާ ސަބް ސްޓޭޝަނަށް ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެއްލުން ދީފައިވާ ކަމަށް އެ ކޯރޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯރޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަބްސްޓޭޝަނަށް ގެއްލުން ދިނުމުގެ ގޮތުން ސަބް ސްޓޭޝަން ބަހައްޓާފައި ހުރި ސަރަހައްދަށް ކަރާސީނު އަޅައި ރޯ ކޮށްލާފައިވާ ކަމަށާއި ބެލި ބެލުމުން މިއީ ސަބް ސްޓޭޝަންގައި ރޯކޮށްލައި ޓްރާންސްފޯމަރއަށް ގެއްލުން ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އަދި މި އަލިފާނުގެ ހާދިސާގައި ބެހެއްޓިފައިވާ ޓްރާންސްފޯމަރއަށް ގެއްލުމެއްވެފައި ނުވި ނަމަވެސް ސަބް ސްޓޭޝަންގެ ދޮރުގައި އެއްކޮށް އަލިފާން ހިފާ ހަލާކުވެފައި ވާކަމަށް ވެސް ފެނަކަ އިން ބުނެފައިވެއެވެ.
މީގެ އިތުރުން ފެނަކައިން ބުނީ އެ ޓްރާންސްފޯމަރގައި އަލިފާން ރޯވި ނަމަ އެ ޓްރާންސްފޯމަރ މެދުވެރިކޮށް ކަރަންޓު ދޫކުރާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހުނީސް ކަމަށެވެ.