އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ މީހަކަށް ބިރު ދައްކައި ފޭރެން އުޅުނު މައްސަލައެއްގައި މާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެގެ އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ 41 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނަ އަކީ ޖުމްހޫރީ މައިދާނުން ދިމާވި މީހަކަށް އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެ މީހާ ގޮވައިގެން ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ވައްދައި ފޯނާއި ފައިސާ ފޭރެން އުޅުނު މީހެކެވެ. އަދި އަތުގައި އޮތް ގަލަމަކުން މީނާ އެ މީހާގެ ކަރުގައި ޖައްސައި ހަލޭ ނުލެވުމަށް ބުނި ކަމަށް ހާދިސާ ރިޕޯޓުން އެނގެން އޮތް ކަމަށް ކޯޓް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ފޭރެން އުޅުނު މީހާ އަކީ މީގެ ކުރިން ވެސް ފޭރުމާއި މާރާމާރީގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ.
ފަހަކަށް އައިސް ބިރު ދައްކައިގެން މީސްމީހުންގެ އަތުން ފޭރޭ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.