ބަލިވެ އިންކަން ޔަގީންވުމުން ކުރީގައި އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ބަލިވެ އިނުމުގެ ސަބަބުން ހޮޑުލެވުން، މޭ ނުބައިކުރުން ފަދަ ކަންތައްތައް ކުރިމަތިވާ ނަމަ ސިއްހަތަށް ހާއްސަކޮށް ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. އަދި ބަނޑުގައި އޮތް ދަރިފުޅުގެ ސިއްހަތަށް ފައިދާ ހުރި ގޮތްތައް ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ.
އެގޮތުން، ބަލިވެ އިންކަން ޔަގީންވުމާއެކު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކުރިން އުޅުނު ބުރަ އަދި ވަރުބަލި ދިރިއުޅުން ބަދަލުކުރުމެވެ. ހަށިގަނޑަށް ބާރުބޮޑުވެ ލޮޑުވާ ކަހަލަ ހާލަތުތަކާ މުޅިން ދުރުހެލި ވުމެވެ.
ދިޔާ އެއްޗެހި ގިނައިން ބުއިމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބަލިވެ އިނުމުގެ ސަބަބުން މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވާނަމަ ހަށިގަނޑަށް ގެއްލުން ނުވާ ވަރުގެ ލުއި ކަސްރަތެއް ކުރުން ރަނގަޅެވެ.
އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ކެއުމަށެވެ. އަދި ކެއުމުގައި، ބަނޑުގައި އޮތް ދަރިފުޅަށް ފައިދާ ކުރާނެ ވިޓަމިންސް އާއި އެ ނޫންވެސް ބާވަތްތައް ކޮންމެހެން ހިމަނަން ޖެހެ އެވެ.
ދުވާލަކު އެއް ފަހަރު ޔޯގަޓް ބޯން އާދަ ކުރާށެވެ. މާ ހޫނުފެނުން ފެން ވެރުމުން ދުރުހެލިވާށެވެ. އަދި މާ ފިނި ފެން ވެސް ފެން ވެރުމުގައި ބޭނުން ނުކުރާށެވެ.
ރަނގަޅަށް ވައި ބޭރު ނުވާ ގޮތަށް ހުންނަ ހޫނު ގަދަ ކޮޓަރި ފަދަ ތަންތަނުގައި ނިދާ އަދި އެފަދަ ތަންތަނުގައި ހުރުމަކީ މާބަނޑު އަންހެނުންނަށް އެހާ ރަނގަޅު ކަމެއް ނޫނެވެ.
ދުވާލަކު ދެ އިރު ވާތް ފަރާތަށް ވާގޮތަށް އޮށޯވެލައިގެން ގަޑިއެއްހާއިރު އޮންނާށެވެ. އޭރުން ބަނޑު ހަރުވުމުން ސަލާމަތްވެ ބޮޑުކަމު ދިއުމަށް ފަސޭހަ ވާނެ އެވެ.
އަވަސް އަވަހަށް ބްލެޑާ ހުސް ކުރަން މަސައްކަތް ކުރާށެވެ. ބްލެޑާ މާ ބޮޑަށް ފުރިއްޖެނަމަ އިތުރު މައްސަލަތަކާ ކުރިމަތިވެދާނެ އެވެ.
އެއްވެސް ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާ ކުރާށެވެ. އެއީ ކިތަންމެ އާދައިގެ ބޭހެއް ނަމަވެސް ޑޮކްޓަރާ މަޝްވަރާކުރާށެވެ.
ގޭގައި އެއްވެސް ބާވަތެއްގެ އޮޅު ޖަނަވާރެއް ގެންގުޅޭ ނަމަ އެފަދަ އެއްޗެތިން ދުރުހެލިވާށެވެ. މިފަދަ ޖަނަވާރުން ޓޮކްސޯޕްލަސްމޯސިސް ކިޔާ ބައްޔެއް އެރުމުގެ ނުރައްކާ އޮވެ އެވެ.
ކޮމްޕިއުޓަރުން މަސައްކަތް ކުރާ މީހެއް ނަމަ ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު ކޮމްޕިއުޓަރު ދޮށުގައި ނީންނާށެވެ.
ދުވާލަކު އެއްފަހަރު ބަރުދަން ބަލައި، މާބޮޑަށް ބަރުދަން އިތުރުވެ ނުވަތަ ލުއި ވިޔަ ނުދީ ވޭތޯ މަސައްކަތް ކުރާށެވެ. އަދި ލޭގެ ޕްރެޝަރު ވެސް ވީވަރަކުން ބަލާ ޗެކް ކުރާށެވެ.
ބަލިވެ އިނަސް ދެމަފިރިންގެ ގުޅުމަކީ ވެސް ނެތްކަމެއް ނޫނެވެ. ނަމަވެސް ތިމާގެ ސިއްހަތު އެކަމަށް ތަންދޭ ނަމައެވެ.
އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ގަވާއިދުން ދައްކާށެވެ. އަދި އެއްވެސް ކަހަލަ ނުރައްކަލުގެ ނިޝާނެއް، ލޭ އައުން ނުވަތަ ދަށްބަނޑުގައި ނުވަތަ އުނަގަނޑުގައި ރިއްސުން، ހުންފާޑުވެފައި ހުރުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ޑޮކްޓަރަކަށް ދައްކާށެވެ.
މަންމައަކަށް އޭނާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި ކޮށްދެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ކާ އެއްޗެއްސެވެ. ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ކުރިން ކާވަރަށް ވުރެ 300 ކޮލޮރީޒް އިތުރަށް ކާ އެއްޗެތި ބޭނުން ކުރަން ޖެހެ އެވެ. އެގޮތުން އިތުރަށް ކާން ޖެހޭ ބައި މުޅި ދުވަހަށް ބަހާލައިގެން އެތިއެތިކޮޅުން ކައި ހަމަކުރާށެވެ. ނިއުޓްރިޝަން މަދުން ހުންނަ އެއްޗެތި ކައިގެން ފަހުން އެބައި ހޯދޭނެ ގޮތެއް ނޯންނާނެކަން ހަނދާންކޮށް، ކާ އެއްޗިއްސަކީ ފައިދާހުރި އެއްޗިއްސަށް ހެދުމަށް ސަމާލުކަން ދޭށެވެ.
ބަލިވެ އިންކަން އެނގުމުން ކެއުމަށް ވަކި ބަޖެޓެއް ކަނޑައަޅާށެވެ. އަދި ހަށިގަނޑަށް ބޭނުންވާވަރަށް ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން ބޭނުން ކުރާށެވެ. ތަރުކާރީ އާއި މޭވާ އަދި ފެހިކަން ގަދަ ފަތް ފަދަ ތަކެއްޗަކީ ކޮންމެހެން ކާންޖެހޭ އެއްޗިއްސެވެ.
ބަނޑުގައިވާ ދަރިފުޅު އެންމެ ފުރިހަމަ ގޮތުގައި ހެދި ބޮޑުވަމުން ދިއުމުގައި (ހާއްސަކޮށް ނާވަސް ސިސްޓަމް) ފުރިހަމަ ވުމަށްތަކައި ދުވާލަކު 400 މިލިގްރާމްގެ ފޮލިކް އެސިޑް ބޭނުން ކުރަން ޖެހެ އެވެ. މީގެ އިތުރުން ލެޓިއުސް ފަދަ ފަތާއި ހުތް ހުންނަ ޒާތުގެ މޭވާ ބޭނުންކުރުން އިތުރު ކުރަން ޖެހެ އެވެ. (ނުވަތަ ވިޓަމިންސް ގުޅަ ވެސް ބޭނުން ކުރެވިދާނެ އެވެ.)
ރަނގަޅު ކާނާ ކެޔަސް މާ ބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވިޔަ ނުދިނުމަށް ސަމާލުވާށެވެ. ބަލިވެ އިނީއްސުރެ ހޭދަވާ ނުވަ މަސް ދުވަހުގެ ތެރޭގައި ( 11- 16 ކިލޯ ގްރާމަށް ވުރެ ބަރުދަން އިތުރު ވިޔަ ނުދީ ވޭތޯބަލާށެވެ.
ކެފެއިން އެކުލެވޭ ބުއިން ތަކަކީ މާބަނޑު އަންހެނުންނަށް ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ކެފެއިން މާގިނައިން ބޭނުންކުރުމުން ހަށިގަނޑުން ފެން މަދުވާނެ އެވެ. ތަހުލީލުކުރާ ބައެއް ބޭފުޅުން ވިދާޅުވަނީ ކެފެއިން މާގިނައިން ބޭނުން ކުރާނަމަ ވިހާއިރު ދަރިފުޅުގެ ބަރުދަން އާދަޔާހިލާފަށް ލުއި ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހާއްސަކޮށް، މަސްތުވާ އެއްވެސް ފާޑެއްގެ އެއްޗެއް ބޭނުން ކުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ އުފެއްދުމަށް ހުރަސް އެޅި އައިބުތައް ކުރިމަތިވެދާނެ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނަމަ ބަލިވެ އިންކަން އެނގުމާއެކު އެކަމާ ދުރުހެލިވާން ޖެހޭނެ އެވެ. އަލަށް އުފަންވާ ކުދިންގެ ތެރެއިން މާބޮޑަށް ބަރުދަން ލުއިވެފައި ތިބި ކުދިންގެ 25 ޕަސެންޓް ކުދިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މައިންނަށް ލިބިފައިވާ ކުދިންނެވެ. އަދި މިގޮތަށް މާބަނޑުއިރު ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅު މާ ބޮޑަށް ކުޑަވުމުގެ ސަބަބުން ބައިގެން ދިއުމާއި ދުވަސް ނުފުރާ ވިހެއުން ފަދަ ކަންތައްތައް ވެސް ވަރަށް ގިނައިން ދިމާވެ އެވެ.
މާބުރަކޮށް އުޅެންޖެހޭ ފަދަ ހާލަތްތަކުން މާބަނޑުއިރު މުޅިން ދުރުހެލިވާން ޖެހެ އެވެ. ސަބަބަކީ މާބޮޑަށް ބުރަކޮށް އުޅެން ހަދައިގެން މާބޮޑަށް ހަށިގަނޑަށް ވަރުބަލިކަން އިހްސާސްވެ ބައިގެން ދިއުން ފަދަ މައްސަލައެއް ކުރިމަތިވެދާނެތީ އެވެ. އަދި ދިމާވާ މައްސަލައެއްގައި މާބޮޑަށް ހާސްވެ ފިކުރު ބޮޑުވެގެން އުޅުމަކީ ވެސް ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުން ވެދާނެ ކަމެކެވެ. ގޭގައި އުޅޭއިރު ދިމާވާ މައްސަލަތައް އަދި އޮފީހުގައި ދިމާވާ މައްސަލަތަކާ މާބޮޑަށް ހާސްވެ ފިކުރު ބޮޑުނުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރާށެވެ. އަދި ވީވަރަކުން ހަމަޖެހިގެން މައްސަލަތަކަށް ހައްލު ހޯދަން އުޅޭށެވެ. ހެނދުނުއްސުރެ އޮފީހުގައި ނުވަތަ އެހެންވެސް މަސައްކަތެއްގައި އުޅޭ މީހެއް ނަމަ މެންދުރުފަހުގެ ކޮންމެވެސް ގަޑިއެއްގައި ނިދާލުން ރަނގަޅެވެ.
ކަސްރަތު ކުރުމަކީ ވެސް ވިހެއުން ފަސޭހަ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މާބުރަކޮށް ކަސްރަތު ކުރުމުގެ ބަދަލުގައި ހިނގާލުން ނުވަތަ ފެތުން ކަހަލަ ކަސްރަތެއް ރަނގަޅު ވާނެ އެވެ.