ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އެމްޕޮކްސް ޓެސްޓު ކިޓުތައް ހަދިޔާކޮށްފި އެވެ.
މި ތަކެއްޗާއި ހެލްތު މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށާއި އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ ކަމަށެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.
މި އަހަރު މިހާތަނަށް އެމްޕޮކްސްގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ މިދިޔަ މަހު ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަ އެވެ.