ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވްސް އެންސީޑީ އެލަޔަންސް އިން ގޮވާލައިފި އެވެ.
މޯލްޑިވްސް އެންސީޑީސީ އެލަޔަންސްއަކީ ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެލަޔަންސްއެކެވެ. މި އެލަޔަންސްގައި މިވަގުތު ހިމެނެނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އާއި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް އެވެ.
އެ އެލަޔަންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޭޕް އަދި އީ- ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާއިރު ރާއްޖޭގައި ވޭޕް އާއި އީ ސިނގިރޭޓް އިސްތިއުމާލް ކުރުން މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމެއް ކަމަށެވެ.
އެ ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަ ކަމަށާއި މިގޮތުން ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރޭޓުން ހަށިގަނޑަށް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އޭގައި އެކުލެވޭ ނިކޮޓިންއާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ސިނގިރޭޓުގައި ހިމެނޭ ފޯމަލްޑިހައިޑް، އާސެނިކް، އެކްރޮލިން، ބެންޒިން އަދި ނިކޮޓިން ފަދަ ކެންސަރާއި އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް ވޭޕް އަދި އީ- ސިނގިރޭޓްގައި ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ކެންސަ ސޮސައިޓީގެ ދިރާސާއަކާ ހަވާލާދީ އެލަޔަންސުން ބުނީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާންކުރެވިފައިވާ 15 އިންސައްތަ މަސްދަރުތަކުގެ ތެރޭގައި ވޭޕްގެ އިސްތިއުމާލު ހިމެނޭ ކަމަށެވެ. ކެންސަރުގެ އިތުރަށް މި ތަކެތި ބޭނުންކުރުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ވެސް ބޮޑު ކަމަށާއިނިކޮޓިންގެ ސަބަބުން އިންސިއުލިން ރެސިސްޓަންސް އިތުރުވެ، ޓައިޕް 2 ޑައިބެޓީސްއަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާއިރު، ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ދިރާސާއާ ހަވާލާދީ ބުނެފައިވެ އެވެ.
މީގެއިތުރުން ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ހަކުރުބަލީގެ މީހުންނަށް ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތައް ކަމުގައިވާ ހިތުގެ ލޭހޮޅިތައް ބެދުމާއި، ސްޓްރޯކް ޖެހުމާއި، ލޯ އަނދިރިވުމާއި، ކިޑްނީ ފެއިލްވުން ފަދަ ކަންކަން ބަލީގެ މާ ކުރީކޮޅު ދިމާވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަދި ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ ހިތި ރަހަ ގެއްލި، ޒުވާނުން އެ ކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ދުނިޔޭގެ 34 ގައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ އެލަޔަންސުން ވަނީ ރާއްޖޭގައި ވެސް ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރަން އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.