އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު މެންދުރުފަހު 1:00 ޖަހާއިރު ބޭއްވުމަށް ނިންމައިފި އެވެ.
ސޯލްޓް ރެސްޓޯރަންޓްގައި ކުރިއަށް ގެންދާ މިބައްދަލުވުމާއި ބެހޭގޮތުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ ސަރުކާރުން މަޝަވަރާ ކުރުމަށް ގޮވާލާފައިވާތީ އެކަމަށް ގޮތެއް ނިންމުމާއި ގުޅޭ ގޮތުން ކަމަށެވެ.
އެމްޑީޕީއާއެކު ކުރާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ ޑރ. މުހައްމަދު ޝައިނީ އާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއިއެކު ކުރެވޭ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަ އޮފް ޓޫރިޒަމް އަހްމަދު އަދީބާއި ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް އާއި މިނިސްޓަ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓަ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް އެވެ.
މިމަޝްވަރާތަކުގައި އެއްވެސް ޝަރުތެއް ނެތި ބައިވެރިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. އަދާލަތު ޕާޓީއާއި އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ މަޝްވަރާތަކުގައި މިހާރު ޖަލުގައި ހުންނެވި އެ ދެ ޕާޓީގެ ލީޑަރުންނަށް ބައިވެރިވެވެން ޖެހޭނެއެވެ.