ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިސާދޭ ކަމަށް ބުނެ ދައުރުވާ ވާހަކައާއެކު ސަރުކާރު ތުރުތުރު އަޅަނީ އެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް ހުރުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ޝާއިޢުކުރި ހަބަރަކާއި ގުޅިގެން އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ނޫހެއްގައި ލިޔާ ވާހަކައެއްގައި އެއްވެސް ކަހަލަ މަސްދަރެއް ނެތް ކަމަށްވާނަމަ އެކަމާ އެހާ ވަރަށް ތުރުތުރު އަޅަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ވާހަކަތަކަށް އަޅާލާން ނުޖެހޭ ކަމަށެވެ. ނޫސްތަކުގައި ޖަހާ ހުރިހާ ވާހަކައަކީ ސައްތައިން ސައްތަ ތެދު ވާހަކައަކަށް ނުވެ ހިނގައިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ސަމާލުކަމަށް އެފަދަ ކަންކަން ގެންނަނީ އޭގައި ކޮންމެވެސް ވަރަކަށް ކަންބޮޑުވާ ކަންކަން ހުރުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކައް ދައްކައިގެން މެނުވީ މިނިވަން މުޖުތަމައުގައި ނޫސްވެރިންނާ ދޭތެރޭ ފިޔަވަޅު އަޅާ ވާހަކަ ނުދައްކާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ގާނޫނު އަސާސީގައި މަޖިލިސް މެންބަރުންނަށް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ލިބިދީފައި އޮންނަހެން، ރައްޔިތުންނަށް ވެސް އެ މިނިވަންކަން އޮންނަ ކަމަށާއި އެ މިނިވަންކަމާއެކީ ވެރިއަކަށް ކުރިއަށްދާން ކެރެވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އޭގައި ކޮންމެވެސް ވަރެއްގެ ތެދެއް އޮތީމާ އެހާ ވަރަށް ތުރުތުރު އެ އަޅަނީ. އެނޫން ކޮން ކަމަކާތޯ ކަންބޮޑުވާންވީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ނޫހެއްގައި ޖަހާ ހަބަރަކާއި ގުޅިގެން ރައީސް އޮފީހުންނާއި އެހެން ތަންތަނުން ބަޔާން ނެރުމަށްވުރެ ގައުމުގައި މާ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ސަރުކާރުން އެފަދަ ކަންކަމަށް ޖަވާބުދޭން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.