އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާ އަކީ އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެ އެވެ.
ޤުރްއާންގެ ދަލީލު:
އަންފާލް ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި އެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ –الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ – أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
1. ފަތުޙު ސޫރަތުގެ 4ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا
2. މަރްޔަމް ސޫރަތުގެ 76 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި އެވެ.
وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
3. އާލްޢިމްރާމް ސޫރަތުގެ 173 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ
ސުންނަތުގެ ދަލީލު:
1. މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. مَنْ رَآى مِنْكُمْ مُنَكَراً فَالْيُغَيِّرُ بِيَدِهِ أَوْ بِلِسَانِهِ أَوْ بِقَلْبِهِ وَذَالِكَ أَضْعَفُ الإِيْمَانِ
2. މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَلْإِيْمَانُ بِضْع ٌوَسَبْعُوْنَ شُعْبَةٌ فَالْحَيَاءُ شُعْبَةٌ مِنَ الإِيْمَانِ
3. މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَكْمَلُ النَّاسِ إِيمَْانًا أَحْسَنُهُمْ أَخْلاَقاً
އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް:
އަބުއްދަރުދާއު رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
އަބޫހުރައިރާ رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
ޢުމަރު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. އީމާންކަން އިތުރުކުރަން އަންނާށެވެ، ދެން އިށީނދެތިބެ الله ސުބުޙާނަހޫވަތަޢާލާ އަށް ޒިކުރު ކުރެއެވެ.
އިބްނި މަސްޢޫދު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު ތިމަންނަގެ އީމާންކަމާއި ޢިލްމާއި ފަހުމް އިތުރުކޮށް ދެއްވާދޭވެ!
ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟
ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ޤަބޫލުކޮށް އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަން ޖެހެ އެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި 7 ޝަރުޠެއް ކަނޑައަޅުއްވާފައިވެ އެވެ.
* ފުރަތަމަ ޝަރުޠަކީ: އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނަ އާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
* ދެ ވަނަ ޝަރުޠަކީ އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާއެތި ޔަޤީންކުރުމެވެ.
* ތިން ވަނަ ޝަރުޠަކީ ޝިރުކުން އެއްފަރާތްވެގެންވާ އިޚްލާޞްތެރި ކަމެއް ހުރުމެވެ.
* ހަތަރު ވަނަ ޝަރުޠަކީ ނިފާޤުކަމަށް ޖާގަނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.
* ފަސް ވަނަ ޝަރުޠަކީ މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.
* ހަ ވަނަ ޝަރުޠަކީ އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.
* ހަތް ވަނަ ޝަރުޠަކީ ރައްދު ނަފީކުރާފަދަ ޤަބޫލު ކުރުމަކުން ޤަބޫލު ކުރުމެވެ.
ނޯޓް: މިއީ އިސްލާމިކް މިނިސްޓްރީގެ ލިޔުމެއް