ބަހާ މިނިސްޓްރީގެ ވަގުތީ ޕާމަނަންޓް ސެކްޓަރީ (ޕީއެސް) ގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމާއި ގުޅޭގޮތުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ހުށައެޅި މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަން ފަށައިފި އެވެ.
މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް ސީއެސްސީއަށާއި ރައީސް އޮފީހަށް ވެސް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ވަގުތީ ޕީއެސްގެ މަގާމުގައި ހުންނެވި މިނިސްޓްރީގެޑިރެކްޓަ ޖެނަރަލް އާތިކާ މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެގޮތުން މުވައްޒަންގެ ހައްގުތަކަށް ބެލުމެއްނެތި އުސޫލުތަކާއި ހަމަތަކުގެ ބޭރުން ސިޔާސީ ބައެއް ވެރިން ރުއްސުމަށްޓަކައި އިންސާނީ ކަރާމާތައް ބެލުމެއްނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިއާޔަތްކުރުމަކާއި ނުލާ ގަނާކުރުމުގެ އުސޫލުން އެ ވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުން ކަމަށް ކުރަމުން ގެންދާ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
އަދި މީގެ ސަބަބުން މުޅި މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި، ރުޅިވެރިކަމާއި، ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުން ބޮޅުންވެ މަސައްކަތް ކުރަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.
މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އާތިކާއާ ގުޅޭ ގޮތުން 11 މައްސަލައެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ވަކިވަކި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލުމާއި އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތްތަކުގައި ޝާމިލުކޮށްގެން ގެންގުޅުމާއި ގަވާއިދާ ހިލަފާށް އަމަލުކުރަން އެންގުމާއި އެ ކަހަލަ ކަންކަމުގެ ކަން ހިނގާ ދިޔަ ގޮތުގެ ރިޕޯޓް ތައްޔާރުކުރުމަށް އެއްބާރުލުން ނުދިނުމާއި ސީދާ މިނިސްޓަރު ވިދާޅުވެގެން ކުރާ ކަމެއް ކަމަށް މުވައްޒަފުންނަށް އަންގައި ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވުން ހިމެނެ އެވެ.
އާތިކާ އަކީ ކުރިން ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމުގައި ހުންނެވި ދުވަސްވަރުވެސް ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން ލައްވައި ބައެއް ކަންކަން ކުރުވާ މައްސަލަ ފެންމަތިވެ އޭނަ ސަސްޕެންޑް ވެސް ކުރި އެވެ.