މަސްވެރިން ދަފުތަރު އެކުލަވާލުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީގެ ޓީމުތަކެއް އަނެއްކާ ވެސް އަތޮޅުތަކަށް ފޮނުވަން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި ހަފުތާގައި މިނިސްޓްރީގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި އައްޑޫގައި ހަރަކާތްތެރިވާނެ ކަމަށެވެ. ހާއްސަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޓީމުތައް މަސައްކަތް ކުރަމުން ގެންދާނެ އެވެ. މީގެ ބޭނުމަކީ ވީހާ ވެސް ގިނަ މަސްވެރިންނާ ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ވެސް ފޯރުކޮށް ދިނުމެވެ.
މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑާއި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ.
މަސްވެރިން ދަފުތަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިިވެ އެވެ.
ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓީމުތައް ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ.
ދަފުތަރުގެ މަސައްކަތްތަކަށް ބަލާއިރު ށ. ރ. ގއ. ގދ. އަދި ޏ. އަތޮޅުގައި މަސްވެރިކަންކުރާ 50 ޕަސެންޓަށް ވުރެ ގިނަ މަސްދޯނި ދަފުތަރުގައި ވަނީ ރަޖިސްޓަރީކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިހާރު އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުން ކަމަށެމެވެ.