ރާއްޖެ އިން މިހާތަނަށް އެމްޕޮކްސްގެ ކޭހެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލެ އިން އެމްޕޮކްސްގެ ކޭހެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއަދާ ހަމައަށް އެމްޕޮކްސްގެ ކޭހެއް ރާއްޖޭން ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން އިއްޔެ ވަނީ ރާއްޖެ އަށް އެމްޕޮކްސް ޓެސްޓު ކިޓުތައް ހަދިޔާކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށާއި އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ ކަމަށެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.
މި އަހަރު މިހާތަނަށް އެމްޕޮކްސްގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ މިދިޔަ މަހު ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަ އެވެ.