ޝާހިދު ކަޕޫރާ އެކީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އަލުން ފިލްމަކަށް ތައްޔާރުވެއްޖެކަން މިއަދު ކަށަވަރުކޮށް ދީފި އެވެ.
މީޑިއާތަކުން މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ގޮތަށް މިއީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމު އިއުލާންކުރި ނަމަވެސް އަދި ނަން ހާމައެއް ނުކުރެ އެވެ. އެކަމަކު ޝާހިދާ އެކީ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ޓްރިޕްތީ ދިމްރީކަން މިއަދު ހާމަކޮށްފައިވެ އެވެ.
އެހެންވެ މި ފިލްމު ވާނީ ޝާހީދާ އެކީ އަރަމުން އަންނަ ޒުވާން ބަތަލާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު "ބޯލްޑް" ކެރެކްޓާގެ ސަބަބުން ޓްރިޕްތީގެ ވިދުން ގަދަވެ، ގިނަ ހުށަހެޅުންތަކެއް އަންނަނީ ލިބެމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވިކީ ކޯޝަލާ އެކީ ކުޅުނު އަދި މިދިޔަ ޖުލައިގައި ގެނެސްދިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ބޭޑް ނިއުސް" އެވެ. އެ ސްޓޫޑިއޯ އަށް ޓްރިޕްތީ ކުޅުނު "ދަޅަކް 2" ވެސް މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، އިތުރު އެހެން ދެ ފިލްމެއް ވެސް އޮތީ ސިނަމާ އައުމުގެ މަގުމަތީގަ އެވެ.
އެއީ ރާޖްކުމާރު ރާއޯއާ އެކީ ކުޅެފައިވާ އަންނަ މަހު ގެނެސްދޭ ކޮމެޑީ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އާއި ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" އެވެ.
ވިޝާލްގެ އާ ފިލްމު ޝާހިދު ހިމަނައިގެން ހަދަން ނިންމި އިރު، އެ ދެ މީހުން އެކީގައި ކުރިން ވެސް ތިން ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2009 ގެ "ކަމީނޭ" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2017 ގެ "ރަންގޫން" އެވެ.
ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީގައި ގެނެސްދޭން ނިންމާފައި އޮތް "ދޭވާ" އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުފެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޝާލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން ތައްބޫ އާއި އަލީ ފަޒަލްގެ ސްޕައި ތުރިލާ "ކޫފިޔާ' އެވެ.