އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން މި އަހަރުގެ ނޮވެމްބަރުގައި "ދޭދަރު ރުއިން" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމާފައިވާކަން މިއަދު އިއުލާންކޮށް އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.
ނޮވެމްބަރު 20 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ދޭދަރު ރުއިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާޒިފް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.
އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އައި ފިލްމްސް އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ފެބްރުއަރީގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އެއީ އިލްޔާސް ވަހީދު (އިއްލެ) އާއި އެކްޓަރު އިފްނާޒް ފިރާގުގެ ޑައިރެކްޝަނެކެވެ.
އޮލިމްޕަހަށް މި އަހަރަކީ ވަރަށް ތިޔާގި އަހަރެކެވެ. މިހާރު އެތަނުގައި ދައްކަމުން އަންނަނީ މިދިޔަ މަހުގެ 27 ގައި ޕްރީމިއަކުރި "ކަމަނާ" އެވެ. އަދި މިއީ މި އަހަރު އޮލިމްޕަހަށް ގެނައި 8 ވަނަ ފިލްމެވެ.
ދެން އެންމެ އަވަހަށް އަޅުވަން އޮތީ މި މަހުގެ 19 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ލޯބީގެ ބިރުވެރި ފިލްމު "އުދަބާނި 2" އެވެ. އަދި މި މަހުގެ 26 ގައި ކުޑަކުދިންގެ ފިލްމު "ރޮބޯމޭން: ދަ މޫވީ" ވެސް އަޅުވަން އޮތީ ޕްލޭންކޮށްފަވާ އިރު އަންނަ މަހުގެ 7 ގައި ހޮރޯ-ކޮމެޑީ "ބިބީ" ރިލީޒްކުރާނެ އެވެ.
މި އހަރު އޮލިމްޕަހަށް ގެނައި ފިލްމުތަކުގެ ތެރޭގައި "މީ އިޝްގް"، "ކަންބަޅި"، "ހަދީޖާ"، "ފުރޭތަ"، "ލަސްވިޔަސް" އަދި "ސާޔާ" ހިމެނެ އެވެ.