ވަރަށް ގިނަ ޒަމާންތަކެއް ފަހުން ޗައިނާގައި ސަަރުކާރުގެ ވަޒީފާތައް އަދާކުރާ މީހުން ރިޓަޔަކުރާ އުމުރު މަތިކުރަން ކުރަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އުސޫލު މިއަދު ވަނީ އެޕްރޫވް ވެސް ކޮށްފަ އެވެ. އޭގައިވާ ގޮތުން ޗައިނާގައި ދަށްފަންތީގެ ވަޒީފާ އަދާކުރާ އަންހެނުން ރިޓަޔަކުރާ އުމުރުން 50 އިން 55 އަހަރަށް މަތިކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ނޫން ވަޒީފާތައް އަދާކުރާ އަންހެނުން ރިޓަޔަކުރާ އުމުރަކީ 55 އިން 58 އަށް މަތިކުރަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ފިރިހެނުން ރިޓަޔަކުރާ އުމުރަށް ގެނައި ބަދަލަށް ބަލާ އިރު 60 އިން 63 އަށް އުމުރު މަތިކޮށްފައިވެ އެވެ.
މިއީ 1950 ގެ ފަހުން ޗައިނާގައި ރިޓަޔަކުރާ އުމުރަށް ބަދަލު ގެންނަން ނިންމި ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި ދެވަނަ އަށް އެންމެ ވަރުގަދަ އިގުތިސާދުގެ ގޮތުގައި ފާހަގަކޮށްލެވޭ ޗައިނާ އަކީ މުޅި ދުނިޔެ އަށް ބަލާ އިރު ވެސް ރިޓަޔަކުރާ އުމުރު އެންމެ ދަށް އެއް ގައުމެވެ. އެ ގައުމުން ރިޓަޔަކުރާ އުމުރަށް ބަދަލު ގެންނަން ނިންމީ މުސްކުޅި އާބާދީ އިތުރުވަމުން ދިއުމާއި ޕެންޝަނަށް ކުރާ ހޭދަ ވެސް ކުޑަކުރުމުގެ ގޮތުންނެވެ.
ރިޓަޔަކުރާ އުމުރަށް ގެނައި އުސޫލަށް ޗައިނާގައި ރަސްމީކޮށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.