Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ނަޝީދުގެ ޝަރީއަތް ހިނގީ ހިނި އަންނަ ގޮތަކަށް : ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ހިނި އަންނަ ގޮތަކަށް ކަމަށާއި އެހެންވެ އެ ވާހަކަތައް ދައްކާ ވަގުތު ހިނި އައުމަކީ ތަބީއީ ކަމެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ނަޝީދާ އެމަނިކުފާނުގެ ވަކީލުން ބައްދަލު ކުރައްވާއިރު ވަކީލުން އެމަނިކުފާނާއި ހީ ސަމާސާކުރާ ކަން ފާހަގަކުރެވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި، ނަޝީދުގެ ވަކީލް ހަސަން ލަތީފް އުމަރަށް ފޮނުއްވި ސިޓީގައިވަނީ ނަޝީދުގެ ޝަރީއަތުގެ ކަންކަން ހިނގާފައިވަނީ ހިނި އަންނަ ފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަމަލުކޮށްފައިވާ ގޮތާއި އެ މައްސަލައިގެ ކަންކަން ހިނގާފައިވާ ގޮތަކީ އެކަމުގެ ޒާތަށް ބަލާއިރު ހިނި އަންނަ ފަދަ ކަންތައްތަކަކަށް ވާތީ އެ މައްސަލައިގެ ވާހަކަ ދައްކާ ބައެއް ވަގުތުތަކުގައި ހިނި އައުމަކީ ތަބީއީ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. ނަމަވެސް ވަކީލުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ނަޝީދަށް އައިސްފައިވާ ހުކުމުން އެމަނިކުފާނު ސަލާމަތްކޮށް، މިނިވަން ކުރަން ކަމަށާއި ނަޝީދާ އެކު ބާއްވާ ބައްދަލުވުންތަކުގައި ވެސް އޮންނަނީ އޭގެ މަޝްވަރާތައް ކަމަށް އެ ސިޓީގައިވެ އެވެ.

"ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަމަލު ކުރައްވާފައިވާ ގޮތާއި އެ މައްސަލައިގެ ކަންކަން ހިނގާފައިވާ ގޮތަކީ އެކަންކަމުގެ ޒާތަށް ބަލާއިރު ހިނި އަންނަ ފަދަ ކަންކަމެވެ، އެހެންކަމުން އެ މައްސަލައާ ގުޅޭ ބައެއް ވާހަކަތައް ދައްކާ ވަގުތުތަކުގައި ހިނި އައުމަކީ ތަބީއީ ކަމެއް ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

މިމަހުގެ ކުރީކޮޅު ހަސަން ލަތީފަށް އުމަރު ފޮނުއްވި ސިޓީގައިވަނީ ނަޝީދާ އެކު ބާއްވާ ބައްދަލުވުންތަކުގައި އޮންނަނީ ހީ ސަމާސާ ކުރުމާއި ނަޝީދު މުނިފޫހި ފިލުވުމުގެ ކަންތައްތައް ކަމަށާއި އެކަން އެގޮތަށް ނުކުރަން އެދޭ ކަމަށެވެ.