ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިދިޔަ ހުކުރުދުވަހު ބޭއްވި ފުޅަނދުބުރު މަގުމައްޗަށް ނެރޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެކަން ކާމިޔާބު ނުވީ މާފަންނު ސްޓޭޑިއަމް ސަރަހައްދުން ނިކުމުގެން އައިސް ވިލިނގިލީ ފެރީ ޓާމިނަލާ ހަމައަށް އާދެވުނު އިރު އެތަނުގައި ކާރެއް ޕާކުކޮށްފައި އޮތުމުން ކަމަށް މިނިވަން 50ގެ އޮފީހުން ބުނެފިއެވެ.
މިނިވަން 50ގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ، ކުރިން އިއުލާންކުރި ގޮތަށް އެ ދުވަހު ފުޅަނދުބުރު ކުރިއަށް ނުގެންދެނު ކަމަށްޓަކައި މައާފަށް އެދިވަޑައިގެންފައެވެ.
"މާފަންނު ސްޓޭޑިއަމް ސަރަހައްދުން ނިކުމުގެން އައިސް ވިލިނގިލީ ފެރީ ޓާމިނަލާ ހަމައަށް އާދެވުނު ތަނާ އެތަނުގައި ކާރެއް ޕާކުކޮށްފައި އޮތީ. ފުރަތަމަ ފުލުހުން ޗެކުކޮށް ކްލިއާކޮށް އޮއްވާ އެއްވެސް ބަޔަަކަށް ނޭނގި ގެނެސް ބާއްވާފައި އޮތީ ބާ ކާރެއް. ކާރު އޮވެގެން [ކުރިއަށް ނުދެވުނީމާ] ފުޅަނދުބުރު ލަސްވީ. ވަރަށް ބޮޑެތިކޮށް މާލޭގެ މަގުތަކުން ކިރިޔާ ދުއްވޭ ވަރަށް އަޅުގަނޑުމެން ފުޅަނދުތައް ޑިޒައިންކޮށްފައި ހުރީ. ފުޅަނދުތަކުގެ އަސްލުގައި އޭގެ ޒާތުގައި ރަނގަޅުކުރުމަށްޓަކައި އެހެން ހަދާފައި އެހުރީ. އެހެން ނަމަވެސް މަގެއްގައި އެއްޗެއް ޕާކުކޮށްފައި އޮތީ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެއީ ޕާކުކުރާ ޒޯނެއް ނޫން ހަގީގަތުގައި،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ފުޅަނދުބުރު ބޭއްވުމަށްޓަކައި ނަގަންޖެހޭ ވެހިކަލްތައް ނަގާފައިވަނިކޮށް އެކާރު އެތަނުގައި ބާއްވާފައިވަނީ ފުލުހުންނާއި މިނިވަން 50 އޮފީހުގެ ބޭފުޅުންނަށް ވެސް "ނޭނގި" ކަމަށެވެ.
ހުކުރު ދުވަހުގެ ހަވީރު ފުޅަނދުބުރު ބެލުމުގެ ފުރުސަތު ނުލިބުމުން، ކުޑަކުދިންނަށް އެ ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހު މަގުތަކުގައި ފުޅަނދުބުރު ވަނީ ބާއްވާފައެވެ.
އެންމެ ކާރެއްގެ ސަބަބުން ފުޅަނދުބުރަށް ހުރަސް އެޅިފައިވާ ކަމަށް މިނިވަން 50 އޮފީހުން ބުނެފައިވާއިރު ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ މިނިވަން 50 ހަރަކާތްތަކަށް ރައްޔިތުންގެ ތާއީދު ނުލިބޭކަމަށް ބުނެ ވާހަކަދައްކަމުންނެވެ.