ރާއްޖެ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިއާ އޮތީ އެހީވާން ތައްޔާރަށްކަމަށް އެގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ގައި އެގައުމުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރިން ހަމަޖައްސަން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ލިބުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އަދި 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންވެސް އެހީ ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އެބަ އޮތް ކަމަށް އޮފިޝަލާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާ އޮތީ ތައްޔާރަށްކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ދާދިފަހުން ވަނީ ބުނެފަ އެވެ.
ރައީސް މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އައު ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.
ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.