(އޮގަސްޓް 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާން ބާވައިލެއްވުން
ކީރިތި ޤުރުއާނަކީ ﷲ ތަޢާލާ ބާވައިލެއްވި އެންމެ ޞުޙުފުތަކާއި ފަތްފުތްތަކުގެ ތެރެއިން އެންމެ މާތް ފޮތެވެ. އެއީ ﷲ ތަޢާލާގެ އެންމެ ލޮބުވެތި އަޅާ، އަދި ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އެއީ އެންމެ މާތް އުންމަތުގެ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ބާވައިލެއްވުނު ފޮތެވެ. އެއީ ﷲ ތަޢާލާ ޙައްޤު ގޮތުގައި ބާވައިލެއްވި ޙައްޤު ފޮތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
﴿وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ﴾ سورة الإسراء: 105
މާނައީ: "ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ، ޙައްޤާއި އެކުގައެވެ. އަދި އެ ޤުރުއާން އައީ، ޙައްޤު ގޮތުގައެވެ."
ކީރިތި ޤުރުއާން އެންމެ ފުރަތަމަވީ ﷲ ތަޢާލާގެ ޙަޟްރަތުގައިވާ އައްލައުޙުލް މަޙްފޫޡުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{بَلْ هُوَ قُرْآنٌ مَجِيدٌ فِي لَوْحٍ مَحْفُوظٍ} سورة البروج: 21-22
މާނައީ: "އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރުއާނެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
{إِنَّا جَعَلْنَاهُ قُرْآناً عَرَبِيّاً لَعَلَّكُمْ تَعْقِلُونَ، وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ} سورة الزخرف: 3-4
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، ޢަރަބި ބަހުންއޮތް ޤުރްއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ މައިފޮތުގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) އެފޮތްވަނީ މަތިވެރިވެގެންވާ ޙިކްމަތްތެރި ފޮތެއް ކަމުގައެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
{إِنَّهُ لَقُرْآنٌ كَرِيمٌ فِي كِتَابٍ مَكْنُونٍ} الواقعة: 77-78
މާނައީ: "ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ."
އައްލައުޙުލް މަޙްފޫޡަކީ ތަޤްދީރުގައި ހިނގާނެ ހުރިހައި ކަމެއް ލިޔުއްވިފައިވާ ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ފަތްކޮޅެކެވެ. އެފޮތާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ} الأنعام:59
މާނައީ: "އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
{أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ} الحج:70
މާނައީ: "ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
{مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ ٍ} الأنعام:38
މާނައީ: " ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ."
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ހަމަކަށަވަރުން ﷲ ތަޢާލާ އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ޤަލަމެވެ. ފަހެ ﷲ ތަޢާލާ ޤަލަމަށް އަމުރުކުރެއްވިއެވެ: "ލިޔާށެވެ!". ޤަލަމް ދެންނެވިއެވެ: ރައްބެވެ. ލިޔަންވީ ކޮންއެއްޗެއްތޯއެވެ؟" ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ޤިޔާމަތާއި ހަމައަށް، ހުރިހާ ކަމެއްގެ ތަޤްދީރު ލިޔާށެވެ!" [سنن أبي داود| الرقم : 4700]
ދެން އެއަށްފަހުގައި ލައުޙުލް މަޙްފޫޡުން ބައިތުލް ޢިއްޒާއަށް (ދުނިޔޭގެ އުޑަށް) ރަމަޟާން މަހެއްގެ ބަރަކާތްތެރިވެގެންވާ ލައިލަތުލް ޤަދުރި ވިލޭރެއެއްގައި، ﷲ ތަޢާލާ ކީރިތި ޤުރުއާން ބާވައިލެއްވިއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ سورة البقرة: 185
މާނައީ: "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި، ޙައްޤާއި، ބާތިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ﴾ سورة الدخان: 3
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ:
﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ سورة القدر: 1
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ."
އިސްވެދިޔަ އާޔަތްތަކުގައި އިޝާރާތް ކުރެވެނީ ކީރިތި ޤުރުއާން ލައުޙުލް މަޙްފޫޡުން ބައިތުލް ޢިއްޒާއަށް ބާވައިލެއްވުމަށެވެ. މިބާވައިލެއްވުމަކީ ކީރިތި ޤުރުއާން އެކީއެކަށް އެއްފަހަރާ ބާވައިލެއްވުނު ބާވައިލެއްވުމެކެވެ.
ކީރިތި ޤުރުއާނުގެ މިބާވައިލެއްވުމަށް ފަހުގައި އެކިފަހަރު މަތިން އެކި އާޔަތްތަކާއި، އެކި ސޫރަތްތަކާއިގެން ޖިބްރީލްގެފާނު، ނަބިއްޔާ ﷺ ގެ އަރިހަށް ކީރިތި ޤުރުއާނާއިގެން ވަޑައިގެންނެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ﴿١٩٢﴾ نَزَلَ بِهِ الرُّوحُ الْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴿١٩٤﴾ بِلِسَانٍ عَرَبِيٍّ مُّبِينٍ ﴿١٩٥﴾ سورة الشعراء
މާނައީ: "ހަމަކަށަވަރުން، އެ ޤުރުއާނަކީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެޤުރުއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލްގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޒާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެޤުރުއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބި ބަހުންނެވެ."
ޢަބްދު ﷲ ބިން ޢައްބާސް (رضي الله عنه) ވިދާޅުވެފައިވެއެވެ: "ލައިލަތުލް ޤަދުރިވިލޭރޭގައި ކީރިތި ޤުރުއާން އެކީއެކަށް ދުނިޔޭގެ އުޑަށް ބާވައިލެއްވުނެވެ. ދެން އެއަށްފަހު ވިހި އަހަރު ދުވަހުގެ ތެރޭގައި (ނަބިއްޔާގެ މައްޗަށް) ބާވައިލެއްވުނެވެ. ދެން އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ: ﴿وَقُرْآناً فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلاً﴾ سورة الإسراء: 106
މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޤުރުއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ." [أخرج النسائي والحاكم والبيهقي| الرقم : 2879]
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَقَالَ الَّذِينَ كَفَرُوا لَوْلا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً﴾ الفرقان: 32
މާނައީ: "މާނައީ: ކާފިރުވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ޤުރުއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެޤުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ." (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.