123 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އައްޑޫ ސިޓީގައި ބާއްވަން ހަމަޖެއްސި ދުވުން އަނެއްކާވެސް ފަސްކޮށްފިއެވެ.
އެމް.އެން.ޑީ.އެފް އިން ހާމަކުރައްވަނީ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި މި މެއި މަހުގެ 30 ވާ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ ދުވުން މިފަހަރު ފަސްކޮށްފައި މިވަނީ އެ ދުވަހު ހަވީރު މިނިވަން 50 އާ ގުޅޭ ޙަރަކާތްތަކެއް އައްޑޫސިޓީގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހުމާއި ގުޅިގެންކަމަށެވެ.
އެންމެ ފުރަތަމަ ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ މި މެއި މަހުގެ 16 ވަނަ ދުވަހެވެ. އޭގެ ފަހުން އަނެއްކާވެސް ބައިވެރިވުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލަން ކަމަށް ބުނެ މިމަހުގެ 30 ވަނަ ދުވަހަށް ދުވުން ފަސްކުރިއެވެ.
މިހާރު މި ދުވުން ބޭއްވުމަށް އެމް.އެން.ޑީ.އެފް އިން މިހާރު ހަމަޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު 16:00 އިން 18:00 އަށެވެ.
ދުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރިއެކޭވެސް އެއްގޮތަށް މަރަދޫ ފުޓްބޯޅަ ދަނޑުން ފެށިގެން ލިންކްރޯޑުން، ފޭދޫ ފުޓްބޯޅަ ދަނޑަށް ނިންމާގޮތަށް ކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއްވައެވެ.