އައްޑޫގެ ކުދި އަދި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް މަސައްކަތްކޮށް ދެއްވާނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފަ އެވެ.
އެފަދަ ވިޔަގާވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވަނީ އައްޑޫގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ވިޔަފާރިތައް ކުރިއެރުވުމަށް މިހާރު ހުރި ފުރުޞަތުތަކާއި، ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބާރު ސްޕީޑެެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ.
ބައްދަވުމުގައި ވިޔަފާވެރިން އެ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ މިނިސްޓަރާ ހިއްސާކޮށްފައިވެ އެވެ.
ސަޢީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގައި އައްޑޫގެ ވިޔަފާރިވެރިން ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށާއި އެ މީހުންނާ ގާތުން ސަރުކާރުން މަަސައްކަތް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.