އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށްދާ ބޮޑު މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ކައުންސިލުން އިއްޔެ ވަނީ ގަމަށް ޒިޔާރަތްކޮށް، ޕްރޮޖެކްޓް ކުރިއަށްދާ ގޮތަށް ބަލައި އެންމެ ފަހުގެ އަޕްޑޭޓް ވެސް ހޯދައިފަ އެވެ. ގަން އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ ރެނާޓަސް ކުންފުނިންނެވެ.
މި މަޝްރޫއު އިފުތިތާހުކުރީ މިދިޔަ އަހަރުހެ ޖޫން މަހުގެ 4 ގަ އެވެ.
މޭޔަރު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެއާޕޯޓް މަޝްރޫއުގައި ހިމެނޭ ބޮޑެތި މުހިއްމު މަސައްކަތްތަކެއް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މިހާރު އެންމެ ހަލުވިކޮށް ދާ މަސައްކަތަކީ ވަށައިގެން ހަދާ އާ މަގުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން ފަޔަ ސްޓޭޝަނާއި މުޅި ގަމަށް ކޭޓަކުރެވޭ ވަރުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތާއި ޕްރޮޖެކްޓްގެ ތެރޭގައި އެހެނިހެން ފެސިލިޓީސްތަކށް ހާއްސަ އިމާރާތްތަކުގެ މަސައްކަތް ފަދަ ކަންކަން ހަމަ ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ." ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި މަޝްރޫއުގެ 60 ޕަސެންޓް ވަރު މިހާރު އޮތީ ނިމިފައި ކަމަށެވެ.
"ޑެޑްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވުނު. އެހެންވީމަ އޭގެ މާނަ އަކީ އަންނަ އަހަރުގެ މެދުތެރެއަށް މުޅި ޕްރޮޖެކްޓް އެއްކޮށް ނިމޭނޭ،" މޭޔަރު ވިދާޅުވި އެވެ. "ކައުންސިލުން ވަރަށް ހިތްހަމަޖެހޭ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ. ސްޕީޑް ހަމަ ވަރަށް ރަނގަޅު."
މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދުވާ އިރު، މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. މި އެއާޕޯޓް ތަރައްގީގެ މަޝަރޫއާ އެކީ މިތަން ވެގެން ދާނީ ދެކުނުގެ އިގުތިސާދީ މައި ހަބަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.