ހިޔާ ފްލެޓްގައި މީހުނަށް ބިރުދައްކައިގެން ފޭރޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އަންހެން މިހާއަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
ހިޔާ ފްލެޓްގައި މީހުންނަށް ބިރުދައްކައިގެން ފޭރޭ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ރިމާނާ މޫސާއެވެ. މީނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި މީނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި މިއީ އިންތިޒާމުވެގެން ހިންގާފައިވާ ކުށެއްކަމަށް ބެލެވޭ ކަމަށެވެ. މިކަމަކީ މީނާ އިތުރު މީހަކާ ބައިވެރިވެގެން ކޮށްފައިވާ ކުށެއް ކަމަށްވެސް ބެލެވޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ.
ކޯޓުގައި ދައުލަތުގެ ވަކީލް ވާހަކަ ދައްކަމުން ބުނެފައިވަނީ، މިމައްސަލައިގައި ދައުވާކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގަނެފައިވާ ކަމަށެވެ.
ރިމާނާ މޫސާގެ އިތުރުން މި މައްސަލައިގައި ހިމެނޭ އަހުމަދު މިހާދުގެ ބަންދަށްވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މީނާއަށްވެސް ދައުވާ ކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގަނެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.