ހުދުމުހުތާރު ނުވެ ވެރިކަން ކުރެވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ ސާބިތުކޮށްދެއްވަމުން ކަމަށް ޕީއެންސީން ބުނެފި އެވެ.
ބައިނަލްއަޤުވަމީ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަންޖެހިފައި ހުރި މުހިއްމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރެއްވުމާއި، ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާގޮތަށް ނިޒާމު ބަދަލުކުރެއްވުން ފަދަ ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތްތައް ކުރައްވަން ރައީސް ނިންމަވާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިޞްލާޙުވާނެ ކަންތައްތަކެއް ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ޞިފަތައް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމަށް ގިނަގުނަ ފިޔަވޅުތަކެއް އަޅުއްވަމުންދާ ކަމަށާއި މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ޙަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުން ކަމަށް ޕީއެންސީން ބުނެ އެވެ.
އެގޮތުން ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަޚުލާޤީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާޙައުލެއް ބިނާކުރާނެ ގޮތް ޢަމަލުފުޅުންނާއި ބަސްފުޅުން ތަމްސީލުކޮށްދެއްވަމުން ކަމަށްވެސް ބުނެފައިވެ އެވެ.
"އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާޙައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ޞުލްޙަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ޕީއެންސީން ވަނީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަމަށްވެސް ބުނެފަ އެވެ.