މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ބުނާ ހަބަރަކާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއީ ޑިމޮކްރަސީއާ ބީރައްޓެހި ޚަބަރެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރަކުން، މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަހެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަތައް ރައީސް އޮފީހުން ވަނީ މީގެކުރިން ދޮގުކޮށްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ހީނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.