އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އަނެއްކާވެސް ހަމަލާއެއްދީ އަވަހަރާކޮށްލަން މަސައްކަތްކޮށްފި އެވެ.
އެފްބީއައި އިން ބުނިގޮތުގައި ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާއެއް ދޭން މަސައްކަތްކޮށްފައިވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކްލަބުގައި އޭނާ ގޮލްފް ކުޅުން ހުއްޓާ ކަމަށެވެ. އެގޮތުން އެ ގޮލްފް ކްލަބުގެ ގަސްތަކުގެ ތެރޭގައި ފޮރުވިގެން ހުރި މީހަކު ފެނުމާއެކު އޭނާއާ ދިމާލަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ބަޑި ޖެހި ކަމަށާއި އެއާއެކު އެ ސަރަހައްދު ދޫކޮށް އޭނާ ފިލަން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ބުނެ އެވެ.
ގަސްތަކުގެ ތެރޭގައި އޭނާ ފޮރުވިގެން ހުރި ސަރަހައްދުން އޭކޭ47 ގެ ރައިފަލަކާއި ދަބަހެއް ފެނިފައިވާ ކަމަށްވެސް އެފްބީއައި އިން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި މިފަދަ ކަންކަމުން އޭނާގެ މަސައްކަތަށް މަޑުޖެހުމެއް ނުގެނެވޭނެ ކަމަށެވެ. އަދި އަމާން ނުދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ކެމްޕޭނު ރެލީއަކަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ވެސް ލިބިފައިވެ އެވެ.
މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަަނީ ޓްރަމްޕް އެވެ. ޓްރަމްޕާއި ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީން އިންތިހާބުގައި ވާދަކުރައްވާނީ އެގައުމުގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.