މި ސަރުކާރުން މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރަން، ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށް ކަމަށާއި އެގޮތުން ސިޔާސީ މުވައްޒަފުން ގިނަކުރުމެއް ނުހުއްޓޭއިރު، ސަރުކާރު ކުންފުނިތައް އެއްކުރިޔަސް ހާހުން ނަގާފައިވާ ސިޔާސީ ވަޒީފާތައް މަދު ނުވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވެއްޖެ. ސަރުކާރު ފަރާތުން ރޭވިގެން ހިންގޭ ޖަރީމާއެއްގެ ތެރެއިން، މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފި. ވިޔަފާރިތައް އެއްކޮށް އިނދަޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިއްޖެ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މާލީ ޑިސިޕްލިން އަލުން ގާއިމްކުރުމާއި، ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި މި ވަގުތު މި ގޮތަށް އަމަލު ނުކުރުމަކީ އިގްތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
މޫޑީސް އިން ރާއްޖެ ސީއޭއޭ2 އަށް ދަށްކޮށް، އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ގެނެސްފައި ވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މޫޑީސްގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ‘ޑިފޯލްޓް ރިސްކް’ އިތުރުވެފައިވާކަން ކަމަށް އަމީރު ވިދާޅުވި އެވެ.
އަދި "ފިސްކަލް ޓްރާންސްޕެރަންސީ" ގެއްލި، ހަފްތާއަކު އެއްފަހަރު މާލީ ރިޕޯޓްތައް ޝާއިއުކުރުން ހުއްޓާލުމުން ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލުތަކެއް އުފެދޭ ކަމަށްވެސް ވިދާޅުވި އެވެ. މިއީ ޤައުމުގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްޓަކައި ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ސަރުކާރުން އިސްކަންދޭންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.