އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ އަޑުއެހުންތައް މަޑުޖައްސާލަން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އާރަށުގެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ފުރުސަތު ދިނުމެވެ.
އެހެންނަމަވެސް އަޑުއެހުން ފެށުމުން ޔާމީންގެ ވަކީލުން ވަނީ ޝަރީއަތުގައި ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން މިމައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމާ ގުޅޭ ކަމެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާއިރު ކްރިމިނަލް ކޯޓުގައި އެކަމާ ގުޅޭގޮތުން ޝަރީއަތް ކުރިއަށް ގެންދިއުމަކީ އެންމެ އަދުލުވެރިގޮތަކަށް ނުވެދާނެކަން ފާހަގަ ކުރިއެވެ.
އެގޮތުން ޔާމީންގެ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިއޮތްއޮތުން އިސްތިއުނާފުކޮށްފައިވާއިރު އެކަމަށް ގޮތެއް ނުނިމެނީސް ދަށުކޯޓުގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް އެދިފައެވެ.
މިކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ބުނެފައިވަނީ، ދަށު ކޯޓުގެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ބަޔާއި ސުޕްރީމް ކޯޓަށް ހުށަަޅާފައިވާ މައްސަލައާ ގުޅުމެއް އެބަހުރި ކަމަށާއި އެހެންކަމުން ދިފާއީ ވަކީލުންގެ ވާހަކަތަކުގައި ބުރަދަނެއް ހުރިކަަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޔާމީންގެ ވަކީލުން ވަނީ މައްސަލައިގައި ދިފާއަށް ލިބެންޖެހޭ ފުލުހުންގެ ތަހުގީގާ ގުޅޭ ސީޑީތަކެއް ނުލިބިވާތީ އެ ސީޑީތައް ހޯދުމަށްވެސް އެދިފައެވެ.
މި ކަމުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބެލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ މައްސަލަ ނިމުމުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމާމެދުގެ ވާހަކަ ދެއްކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމުމުން މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި އިތުރު އަޑުއެހުމެއް ބޭއްވާނެ ކަމަށް ވިދާޅުވިއެވެ.