Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ފޭރުނު 3 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ފޭރުނު މައްސަލައެއްގެ ތަހުގީގު ނިންމައި ތިން މީީހަކަށް ދައުވާކޮށް ދޭން އެދި ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އެ ތިން މީހުނަކީ މއ. މަސްފަން، ޢާއިޝަތު، 43، އާއި މއ. މަސްފަން، މުޙައްމަދު ރީހާން، 27، ގެ އިތުރުން އައްޑޫ ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމް، 35، އެވެ.

މި ތިން މީހުންނަކީ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ގޭގެ ބޮއްކެއް ބަދަލުކޮށް ދޭން އެހީވުމަށް އެދި ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރު ކުރި މީހުންނެވެ.

އެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.