Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން ލާންޖެހޭ: ނާޒިމް

މެންބަރު އަހުމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް މަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ދިވެހިން ލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިސްލާހު ހުށަހަޅާފައިވަނީ ބީއެމްއެލްގެ ބޯޑަށް އައި ބަދަލުތަކާ ގުޅިގެން އެ ކުންފުނީގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިވަގުތަކީ މި ޤާނޫނަށް މި އިސްލާހު ގެނައުމަށް މުހިންމު ވަގުތެއްކަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލްއިން ކާޑު ލިމިޓާ ގުޅިގެން ނިންމި ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެ ނިންމުން ބަދަލުކުރިއިރު، އީޖީއެމް ބޭއްވުމަށް އެދިފައިވަނިކޮށް އެ ކުންފުނީގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވާފައެވެ. މިކަންކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބީއެމްއެލްއިން ބޮޑެތި ބަދަލުތަކެއް ގެނައިއިރު އެ ކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރާއި، ރޭޓް ކޮންޓްރޯލް މެނޭޖަރުގެ އިތުރުން ރިސްކް މެނޭޖަރުވެސް ރާއްޖޭގައި ނެތްކަމަށާއި އެ ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެ ބޭފުޅުންކަމަށެވެ.

ބީއެމްއެލްގެ މުހިންމު މަގާމުތަކެއްގައި ބޮޑު މުސާރައިގައި ބޭރުގެ ބަޔަކު ތިބިއިރު، އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީސީބީއިން އަދި ފިނޭންސް މިނިސްޓްރީއިން މިކުންފުނިތަކުގެ ކަންކަން ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި އެ މަގާމުތަކަށް ދިވެހިން ލެވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭންކު އަޅުގަންޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިގަމުންދާކަމަށްވާނަމަ، އެދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިޔަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާކަމެއް." ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ. މިއަދު ކުރިއަށްގެންދާ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާގައި ވަނީ މި ބިލުގެ ބަހުސް ފަށާފައެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކަށް ބައެއް ބަދަލުގެނައުމެވެ. ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ 100، 113 އަދި 126 ވަނަ މާއްދާއަށެވެ.