Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި ހުޅުދޫ މީހަކު 10 އަހަރަށް ޖަލަށް

ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ބާވަތެއް ގެންގުޅުމުގެ ކުށުގައި ހުޅުދޫ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 50،000ރ. ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށް ލުމަށް އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ސ.ހުޅުދޫ އޯކިޑުފެހި، މަސްދޫގްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އޭޕްރީލް 1، 2012 ވަނަ ދުވަހު މ. ސިލްވަޝާކް ގޭގެ ކޮޓަރިއެއްގެ ތެރޭގައި މާރާމާރީ ހިންގާކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން އެގެއަށް ގޮސް، އެ ކޮޓަރިއަށް ވަންއިރު، މަސްދޫގު އިތުރު މީހަކާ އެކު އެކޮޓަރީގައި ހުއްޓާ ފެނިގެން، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު މަސްދޫގު ލައިގެން ހުރި ޖިންސުގެ ކަނާތް ފަރާތު ކުރިމަތީ ޖީބުން 10 ގުޅައިގެ ބޭސް ކާޑެއް ނަގާ އޭނާ ހުރި ދިމާލަށް ބިންމައްޗަށް ވައްޓާލާފައިވާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށާއި އަދި އެ 10 ގުޅަ ބޭހުގައި 1.2260 ގްރާމް ނައިޓްރަޒިޕާމް ހުރި ކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

މަސްދޫގު އަތުން ފެނުނު ބޭހަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ތާވަލުގައި ހިމެނޭ ބާވަތެކެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ވަނީ، ޖަދުވަލު 2 ގައިވާ މަސްތުވާ އެއްޗެއް، ހުއްދަ ދެވިފައިވާ ފަރާތެއްގެ އަތުގައި، ހުއްދަ ދެވިފައިވާ މިންވަރަށް ވުރެ ގިނައިން ހުރެއްޖެ ނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކް ކުރުމަށް ކަމުގައި ބެލެވޭނެ ކަމަށެވެ.