ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަނެ ކޮމިޓީއަށް ފޮނުވުމުން، އަވަސް ސްޕީޑުގައި ކޮމިޓީން އެ އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ. މިއަދު ކުރިއަށްގެންދާ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާގައި ވަނީ މި ބިލުގެ ބަހުސް ފަށާފައެވެ.
މެންބަރުން ބިލަށް ބަހުސްކޮށް ނިމުމުން ބިލު ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއެވެ. އަދި 77 މެންބަރުންގެ ވޯޓުން ވަނި މި ބިލު މަޖިލީހަށް ބަލައިގަނެފައެވެ. އަދި ދިރާސާ ކުރުމަށްވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ.
ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވުމުން މިއަދު 11:30 ގައި ވަނީ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 8 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ މެޖޯރިޓީ އޮންނަ އިގްތިސާދީ ކޮމިޓީން، ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު އިތުރު ބަދަލެއް ނުގެނެސް ފާސްކޮށްފައިވަނީ 11 މިނެޓުގެ ބައްދަލުވުމެއްގައެވެ.
ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކަށް ބައެއް ބަދަލުގެނައުމެވެ.
މި އިސްލާހުތަކުގައި ބުނެފައިވަނީ ކުންފުނީގެ ހާއްސަ ޢާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދެފިނަމަ އެކަމަށް އެދި ނޯޓިސް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދޭންވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންވާނެ ކަމަށެވެ. ޤާނޫނުގައި މިހާރު އޮންނަނީ ނޯޓިސް ލިބޭތާ 3 މަސް ތެރޭގައި ޖަލްސާ ބޭއްވުމަށެވެ.
މީގެއިތުރުން ކުންފުނީގެ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓަރެއް ނެތްނަމަ ނުވަތަ އެކަން ރަޖިސްޓްރާގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ގެނެސްފިނަމަ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓުން އައްޔަނު ކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެންގުމުން 10 ދުވަހުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާވަރަށް ޑިރެކްޓަރުން އަދި މެނޭޖިޮން ޑިރެކްޓަރު އައްޔަނުކޮށް އެކަން ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.