ލުޣަވީގޮތުން (ބަހުގެ ގޮތުން) ބިދުޢައަކީ ކުރިން މިސާލެއް ނަމޫނާއެއްނެތި އީޖާދުކުރެވޭ ކޮންމެކަމެކެވެ. މިލުޣަވީ މާނާގައި ﷲގެ މިވަޙީބަސްފުޅު ހިމެނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
“بَدِيعُ السَّمَاوَاتِ وَالْأَرْضِ ” (އަލްބަޤަރާ: 117)
މާނައީ: “އެކަލާނގެއީ އުޑުތަކާއި ބިން ކުރިން އެއްވެސް މިސާލެއް އަދި ނަމޫނާއެއް ނެތި ހެއްދެވި ރަސްކަލާނގެއެވެ.”
އަދިވެސް މި މާނާގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
“قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ” (އަލްއަޙްޤާފް: 9)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުންކުރެ އެންމެފުރަތަމަ ރަސޫލުކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.” އެބަހީ ތިމަންކަލޭގެފާނުގެ ކުރިންވެސް އެތައް ރަސޫލުންނެއް ވަޑައިގަތެވެ. ފަހެ އެއްވެސް ދަލީލެއްނެތި ކުރެވޭ ކޮންމެ ޢަމަލަކަށް ބިދުޢައޭ ކިޔެނީ މި ބީދައިންނެވެ.
ދެން ފަހެ ޝަރުޢީގޮތުން ބިދުޢައިގެ ތަޢާރަފު އެތައް ގޮތަކަށް ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެންމެ ޖާމިޢު ތަޢާރަފަކީ އިމާމު ޝާޠިބީ “الاِعْتِصَامُ” އެވެ, ކިޔުނުފޮތުގައި ކުރައްވާފައިވާ ތަޢާރަފެވެ. އޭގެ ޢިބާރާތްވަނީ މިފަދައިންނެވެ.
“طَرِيقَةٌ فِي الدِّينِ مُخْتَرَعَةٌ تُضَاهِي الشَرِعِيَّةَ, يُقْصَدُ بِالسُّلُوكِ عَلَيهَا المُبَالَغَةُ فِي التَّعَبُدِ لِلَّه سُبْحَانَهُ”
ކަލިމަތަކުގެ މާނަ:
طَرِيقَةٌ: ޢަމަލުކުރުމަށް ކަނޑައެޅޭ ކޮންމެ ގޮތެއް.
فِي الدِّينِ: ދީނުގައި، އެބަހީ ބިދުޢައަކަށް ވާނީ ދީނުގައި ކަމެއް އީޖާދުކުރުމުންނެވެ. ދުނިޔަވީ ކަންތައްތައް މީގެތެރެއަކަށް ނުވަންނާނެއެވެ. ދީން މިތާނގައި قَيْدُ ކޮށްފައި އެވަނީ މިސަބަބަށްޓަކައެވެ.
مُخْتَرَعَةٌ: އީޖާދުކުރެވިފައިވާ، އެބަހީ ބިދުޢަވެރިޔާގެ ބިދުޢަވެރިޢަމަލަކީ ދީނުގައި އެއަށް އެއްވެސް އަޞްލެއް ޙުއްޖަތެއް އަދި ދަލީލެއްވާ ޢަމަލެއްނޫނެވެ. ބިދުޢައިގެ ލުޣަވީ މާނައާ މިލަފްޒުން ގުޅިއްޖެއެވެ.
تُضَاهِي الشَرِعِيَّةَ: ޝަރުޢީ ގޮތަކާ ވައްތަރުވާ، އެބަހީ ބިދުޢަވެރިޔާގެ ޢަމަލު ޝަރުޢީކަމަކާ ބޭރުފުށުން ވައްތަރުވެއެވެ. އެކަމަކު ޙަޤީޤަތުގައި އެޢަމަލު ޝަރީޢަތާ އެތައް ގޮތަކުން އިދިކޮޅެވެ. އޭގެ ތެރޭގައި:
އެއްވެސް ދަލީލެއްނެތި ޝަރުޢުގެ ވެރިފަރާތުގެ އިޒުނައަކާ ނުލައި ޚާއްޞަ ޙާލަތްތަކެއް، ޚާއްޞަ ކައިފިއްޔަތުތަކެއް ލާޒިމުކުރުން
ޝަރީޢަތުގައި ކަނޑައެޅިގެންނުވާ ޚާއްޞަ އަޅުކަންތަކެއް ލާޒިމުކުރުން.
يُقْصَدُ بِالسُّلُوكِ عَلَيهَا المُبَالَغَةُ فِي التَّعَبُدِ لِلَّه سُبْحَانَهُ: އެގޮތަށް ޢަމަލުކުރުމުގެ މަޤްޞަދަކީ ﷲއަށް އަޅުކަންކުރުމުގައި މުބާލަޝްކުރުން. އެހެނީ ހަމަކަށަވަރުން ބިދުޢަވެރިޔާ އެބިދުޢައިގެ ތެރެއަށް ވެދެގަންނަނީ އަޅުކަމެއްގެ މަޤްޞަދުގައެވެ. އެކަމުގައި އޭނާ މުބާލަޣާކުރެއެވެ. ސަވާބު އިތުރުކުރުމުގެ މަޤްޞަދުގައެވެ. ފަހެ ޝަރުޢުކުރެއްވި ފަރާތް ޝަރުޢުކުރެއްވި ވަރު އޭނާއަށް ނުފުދެނީބާވައެވެ!
އިޖްމާލީ މާނަ:
އެހެންކަމުން ބިދުޢައަކީ ﷲ تَعَالَى އަށް އަޅުކަން ކުރުމުގައި މުބާލަޣާ ކުރުމުގެ މަޤްޞަދުގައި ޝަރުޢީ ގޮތަކާ ނުވަތަ ޢަމަލަކާ ވައްތަރުވާގޮތަށް ދީނުގައި އީޖާދުކުރެވޭ ކޮންމެ ގޮތެކެވެ. ނުވަތަ ޢަމަލެކެވެ. ބިދުޢާގެ މިތަޢާރަފުން ދުނިޔަވީ ބިދުޢަތައް ނުކުމެއެވެ. މިސާލަކަށް ކާރު އީޖާދުކުރުން، މަތިންދާބޯޓު އީޖާދުކުރުން، އެކި ފަންނުތަކަށް ފޮތް ތަޞްނީފުކުރުންފަދަ ކަންތައްތަކެވެ. މި ކަންތައްތަކަކީ އިންސާނުން ދިރިއުޅުމުގައި ބޭނުންޖެހޭ ކަންތައްތަކެވެ.
މަނާވެގެން ވަނީ ދީނުގައި ހެދެވޭ ބިދުޢައެވެ. އެހެނީ ހަމަކަށަވަރުން ދީނުގެ ވެރިފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. މިދީނުގައި އެކަލާނގެ ޝަރުޢުކުރެއްވި ކަމެއް މެނުވީ ނުކުރެވޭނެއެވެ. ދުނިޔަވީގޮތުން ޝަރުޢީ ނައްޞަކާ ޚިލާފުނޫން ކޮންމެކަމެއް ހުއްދައެވެ. ދުނިޔަވީ ބިދުޢަތައް ފިޓްކުރެވޭނީ ނުވަތަ ހުށައެޅޭނީ ބިދުޢާގެ ލުޣަވީ މާނައަށެވެ.
ނޯޓް: މިއީ ޝައިޚް މުޙައްމަދު އިބްރާހީމް(ނައިފަރު) ގެ ލިޔުއްވުމެކެވެ.